ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގ ެ241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މަސައްކަތް ކޮށްފައިވާނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ބުނެފި އެވެ.
އިންކުއަރީގައި ފާހަގަވި 45 ކަމެއް ހިމަނައިގެން ރިޕޯޓު ވަނީ އެކުލަވާލާފައި އެވެ. އަދި އެ އިންކުއަރީގެ މަސައްކަތް ނިމިފައިވާ ކަމަށް ރޭ ކޮމިޓީން ވަނީ އިއުލާނުކޮށްފައި އެވެ.
ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެ މަސައްކަތުގައި އިސްކޮށްފައިވާނީ ގައުމީ މަސްލަހަތާއި ގައުމީ ވިސްނުން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރުމުގައި ޒިންމާދާރު ކަމާއި އިހްލާސްތެރިކަން ހުރިކަން ފެނިގެން ގޮސްފައިވާނެ ކަމަށެވެ.
އަދި ގުޅިގެން މަސައްކަތް ކުރުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަން އިސްކޮށްފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.
https://twitter.com/Adamshareefz/status/1412895875454562305
އިންކުއަރީގައި ހިމެނޭ 45 ހުށަހެޅުމުގެ ތެރޭގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. އެއީ ނަޝީދުގެ ސެކިއުޓީއާއި އިންޓެލިޖެންސް އާއި ކައުންޓާ ޓެރަރިޒަމަށް ހުރި ހުށަހެޅުންތަކެކެވެ.
މީގެ ތެރެއިން އިންޓެލިޖެންސް އާއި ކައުންޓާ ޓެރަރިޒަމަށް 25 ކަމެއް ހުށަހަޅާފައިވެ އެވެ. އަދި ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭ 10 ކަމެއް ފާހަގަކޮށް ހުށަހަޅާފައިވެ އެވެ.
241 ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި މި ރިޕޯޓްގައި ހުރި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމު ކުރާއިރު ހުންނާނީ އުނިކޮށްފައި އެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ
ރޭ އޮތް ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުންތައް ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 13 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް