ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން މަޖިލީހުން 45 ހުށަހެޅުން ހިމެނޭގޮތަށް އިންކުއަރީ ރިޕޯޓު އެކުލަވާލައިފި އެވެ.
މި އިންކުއަރީ ހިންގީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. އެ ކޮމިޓީގެ މަސައްކަތަށް މައުލޫމާތު ހޯދަން ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން އެމްއެމްއޭއާއި އެނޫންވެސް އެ މައްސަލަ އާއި ގުޅުން ހުރި ހުރިހާ އެންމެން ހާޒިރުކޮށް މައުލޫމާތު ނަގާފައިވެ އެވެ.
މި ބުރަ މަސައްކަތަށް ފަހު އެ ކޮމިޓީން އެކުލަވާލާފައިވަނީ މުހިންމު 45 ހުށަހެޅުމަކާއި އެކު 236 ސަފްހާގެ ރިޕޯޓެކެވެ. މި ރިޕޯޓު ދައުލަތުގެ ބާރުތަކުގެ ވެރިންނަށް އެރުވުމަށް ހަމަޖެހިފައިވެ އެވެ.
އިންކުއަރީގައި ހިމެނޭ 45 ހުށަހެޅުމުގެ ތެރޭގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. އެއީ ނަޝީދުގެ ސެކިއުޓީއާއި އިންޓެލިޖެންސް އާއި ކައުންޓާ ޓެރަރިޒަމަށް ހުރި ހުށަހެޅުންތަކެކެވެ.
މީގެ ތެރެއިން އިންޓެލިޖެންސް އާއި ކައުންޓާ ޓެރަރިޒަމަށް 25 ކަމެއް ހުށަހަޅާފައިވެ އެވެ. އަދި ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭ 10 ކަމެއް ފާހަގަކޮށް ހުށަހަޅާފައިވެ އެވެ.
241 ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި މި ރިޕޯޓްގައި ހުރި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމު ކުރާއިރު ހުންނާނީ އުނިކޮށްފައި އެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ
ރޭ އޮތް ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުންތައް ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 13 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް