ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާފަރުން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އިއްޔެ މެންދުރު 2:45 ހާއިރު މާފަރު އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރާ ސަރަހައްދުން ކަމަށެވެ.
މިމީހުން ތިބި ސަރަހައްދުން މަސްތުވާތަކެތިކަމަށް ސައްކު ކުރެވޭ 80 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ސައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނުނު އިރު އެ ދެމީހުން ދިރިއުޅޭ ގޭގެ ގިފިލިތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތިކަމަށް ސައްކު ކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނުނުކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ މި ދެމީހުންގެ ތެރެއިން 23 އަހަރުމީހާއަކީ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 18 ފަހަރު ސުވާލުކޮށް 10 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 34 އަހަރުގެ މީހާއަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އިންޒާރުދީ ބިރުދެއްކުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް