މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތްވުން ކަމަށް އެކްލަބުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް ބުނެފި އެވެ.
މަހިބަދޫއިން ވަނީ ރޭ މާޒިޔާ ހިފެހެއްޓުމަށްފަހު ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދައިފަ އެވެ. މަހިބަދޫއިން ލީގުގައި ކުރިން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.
"ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތްވުން. އަހަރެމެންނަށް އަދި ލީގުގައި ބާކީ ނުވަ މެޗު އެބައޮތް. އެހެންކަމުން ޓާގެޓާ އެއްގޮތަށް ކުރިއަށްދެވޭތޯ ބަލާނީ. ޕޮއިންޓެއް ނުލިބުމަށްވުރެ އެއް ޕޮއިންޓްވެސް ރަނގަޅު. މިއަދުގެ މެޗުގައި މަހިބަދޫއިން ރަނގަޅު ކުޅުމެއް ދެއްކި،" މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަހިބަދޫގެ ކޯޗު ބުންޏެވެ.
ސްޓޮއިކޯފް ބުނީ، މަހިބަދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާވުމުން ބަދަލުކޮށްލާނެ ކުޅުންތެރިޔަކު ބެންޗުގައި ނެތުން ކަމަށެވެ.
"މިއަދު ގޯލްކީޕަރު ވެސް ހުރީ އަނިޔާގައި. އެހެންކަމުން އޭނާ ބޭނުންކުރަމުން ދިޔައީ ވެސް ވައަތު ފައި. ސަމޫހުއާއި އޭނާގެ ބޭބެ ވެސް ހުރީ އަނިޔާގައި. އަހަރެމެންނަށް ކުޅުންތެރިންގެ ދަތިކަމަކީ ވަރަށް ބޮޑު މައްސަލައެއް. މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް. އެޓީމު އަތުން ޕޮއިންޓެއް ލިބުމުން މިހާރު ކުޅުންތެރިންނަށް ގަބޫލުކުރެވޭ އެމީހުންނަށް ވެސް ވެދާނެކަން." އޭނާ ބުންޏެވެ.
ލީގުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ. މި މެޗު ފެށެމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް