ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ 17 އަހަރުގެ ފުޓްބޯޅަ ސެންސޭޝަން ލަމީން ޔަމާލްއަށް ތައުރީފުކޮށް ވާހަކަ ދައްކައިފިއެވެ. އަދި މީޑިއާއިން ޔަމާލަށް މައްޗަށް މާ ޕްރެޝަރު ނުކުރުމަށްވެސް އެދިފައިވެއެވެ.
ފަސް ފަހަރު ބެލަން ޑި'އޯރް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުނެފައިވަނީ ލަމީން ޔަމާލް ދަނީ ވަރަށް މޮޅަށް ކުޅެމުން ކަމަށާއި، ވަރަށް ރަނގަޅަށް އޭނާގެ ހުނަރު ބޭނުންކުރަމުން ދާކަމަށެވެ. ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ ކުއްޖާ ބޮޑުވާން ދޫކޮށްލުމަށާއި އޭނާގެ މައްޗަށް މާ ޕްރެޝަރު ނުކުރުމަށެވެ.
މި ދެ ކުޅުންތެރިން ފުރަތަމަ ފަހަރަށް ކުރިމަތިލާނީ އާދިއްތަ ދުވަހުގެ ރޭ މިއުނިކްގައި ބޭއްވޭ ޔޫއެފްއޭ ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާއިރުއެވެ.
މިހާރު 40 އަހަރުގެ ރޮނާލްޑޯ ވަނީ ސެމީފައިނަލްގައި ޖަރުމަނުވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި 2-1 އިން ޕޯޗުގަލް ކާމިޔާބުކުރި މެޗުގައި ކާމިޔާބީގެ ލަނޑު ޖަހާފައެވެ. ޔަމާލް ވަނީ ސްޕެއިން އާއި ފްރާންސް ދެމެދު ކުޅުނު ސެމީފައިނަލްގައި 5-4 އިން ސްޕެއިން ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ. އޭނާ ޖެހި ދެ ލަނޑާއެކު ސްޕެއިންގެ ސީނިއަރ ޓީމަށް ކުޅެ އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު 20 މެޗުގައި 6 އަށް އަރާފައިވެއެވެ.
ޔަމާލްއަކީ މިހާރުވެސް ސްޕެއިން އަދި ބާސެލޯނާގެ ރެގިއުލަރ ކުޅުންތެރިއެކެވެ. އޭނާ ވަނީ އޭނާގެ ކްލަބަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، ހަތަރު މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ދެ ލަ ލީގާ ޓައިޓަލް ހިމެނެއެވެ. އަދި މިހާރުވެސް އޭނާއަކީ މުސްތަޤްބަލުގެ ބެލަން ޑި'އޯރް ވިނަރެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ ކުޅުންތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް