ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ މީހަކު ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވުނު މައްސަލަ ބަލަނީ

ދަޢުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވި 50 މީހުންގެ ތެރޭގައި ރަނގަޅު އާމްދަނީ ލިބެމުން އަންނަ މީހަކު ޙައްޖަށް ފޮނުވުނު މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބ...

08 Jun 2024 | 12:48

ދަޢުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވި 50 މީހުންގެ ތެރޭގައި ރަނގަޅު އާމްދަނީ ލިބެމުން އަންނަ މީހަކު ޙައްޖަށް ފޮނުވުނު މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން އެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ދަޢުލަތުގެ ޙަރަދުގައި ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މީހެއްގެ އިންޓަވިއުއެއް ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިނުމާއި ހަމައިންނެވެ. އެމީހާގެ އިންޓަވިއު ގެނެސްދިނުމާއެކު ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއްގައި އުޅޭ މީހެއް ކަމާއި އަދި އަމިއްލަ އިތުރު މަސައްކަތުންވެސް އާމްދަނީ ހޯދާ މީހެއްކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ މާލެ ސަރަހައްދުގެ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ. އަދި މިސްކިތެއްގެ މުދިމުކަންވެސް ކޮށް އުޅެއެވެ.

މި މައްސަލައިގާ މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާނެ މީހުން ކަނޑައެޅީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ފަގީރުންގެ ދަފްތަރުން ކަމަށެވެ. އަދި އެ ލިސްޓަކީ މި ސަރުކާރުން ހަވާލުވި އިރުވެސް އޮތް ލިސްޓެއް ކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

އެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރުގައި ކުރި ކަމަށާއި އަދި އާންމުންގެ ޝަކުވާ ބޮޑުވެފައިވާ އެ މީހާ ލިސްޓަށް އަރާފައި އޮތީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކަމުގައި ބެލެވޭ ކަމަށެވެ.

ފަސް އަހަރުގެ ދައުރުގައި ދަޢުލަތުގެ ހަރަދުގައި އެއް ހާސް ރައްޔިތަކު ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅުގެ ދަށުން މި އަހަރު ޙައްޖަށް 50 މީހަކު ފޮނުވާފައިވާއިރު އެ 50 މީހުން ހޮވި ގޮތާއިމެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް