ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއެއް ކިޔަން އިންޑިއާ ތައްޔާރުވަމުން އަންނަ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން އެ ޤައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ކޮންމެވެސް މިންވަރަކަށް ހީނަރުވެފައިވީނަމަވެސް ވެރިރަށް ދިއްލީ އިން އަންނަނީ ރައީސް މުޢިއްޒު އަށްވެސް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރުވަމުންނެވެ.
ރައީސް މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އިންޑިއާގެ އެ ދަޢުވަތު ޤަބޫލުފުޅުކުރައްވާފައިވާކަން މިއަދު ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މަޤާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ އެ ރަސްމިއްޔާތަށް ދަޢުވަތު އެރުވީތީ އެކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް