މޯދީގެ ދަޢުވަތު ރައީސް މުޢިއްޒު ގަބޫލުފުޅު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑ...

08 Jun 2024 | 06:17

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވައިފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު މަޤާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ އެ ރަސްމިއްޔާތަށް ދަޢުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް