ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 މިރޭ ފަށަނީ

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ “ޕަސްކުއަލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2023” މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އޮނ...

08 Jun 2023 | 05:36

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ “ޕަސްކުއަލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2023” މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އޮންނަނީ މިރޭ 8:15 ގައި ފޮނަދޫ މެދު އަވަށު ރަސްމީ ފުޓްސަލް ގްރައުންޑުގައެވެ. މި ރަސްމިއްޔަތައް ފަހު މުބަރާތް ހުޅުވުމުގެ ގޮތުން ކުޅެވޭ ފުރަތަމަ މެޗު ފަށާނީ މިރޭ 9:00 ގަ އެވެ. މި މެޗުގައި ބައްދަލު ކުރަނީ ރަސްއައިން ޑިޓްރޮއިޓްސް އާއި ގޯޅިއަންސް އެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ.

މި މުބާރާތުގައި ޖުމުލަ 15 ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގުރޫޕު ސްޓޭޖުގެ މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ހޮވޭނީ ކުއާޓާ ފައިނަލަށެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ފޮނަދޫ މެދު އަވަށު ރަސްމީ ފުޓްސަލް ގްރައުންޑުގައެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމުތައް ގުރޫޕުތަކަށް ބަހާލެވިފައިވާ ގޮތް:

  • ގުރޫޕު އޭ: މާހިންނަ ޑިޓްރޮއިޓްސް، ގޯޅިއަންސް، އަފޭން، މާހިންނަ ފަލްކޮންސް.
  • ގުރޫޕް ބީ: ނެވަގިވަޕް، އައުޓްރީފް އެސްސީ، ކިއުއެމް ސްޕޯޓްސް އެކަޑަމީ، ޔޫތް އެކަޑަމީ.
  • ގުރޫޕް ސީ: ގޯޅި އެސްސީ، ބިގް ޝޮޓްސް، ޔުނައިޓެޑް އައުޓްރީފް، ކަންމަތި އެސްސީ.
  • ގުރޫޕް ޑީ: ކަންމަތި އެފްސީ، ބީޖީ ސްޕޯޓްސް ކުލަބް، ބެސްޓް ބޯއީސް.

މުބާރާތް ފެށުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ބުނީ ގިނަ ބައެއްގެ އެއްބާރުލުމާއެކު މިހާރު ދަނޑުގެ ހުރިހާ ތައްޔާރީތަކެއް ނިންމާލެވިފައިވާކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިމަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަ ޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 20 ވަނަ ދުވަހުގެ ރޭ ގައެވެ.

ކޮންމެ އަހަރަކުވެސް ބޭއްވުމަށް ތާވަލް ކޮށްފައިވާ މި އަހަރުގެ މި މުބާރާތަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ ހަތަރުވަނަ ފުޓްސަލް މުބާރާތެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ފަހު ޖެހިގެން އައި 2021 ވަނަ އަހަރު މި މުބާރާތުގެ ތިންވަނަ އެޑިޝަނެށް ބޭއްވުމަށް ނިންމި ނަމަވެސް އޭރު ރާއްޖޭގައި ފެތުރެމުން އައި ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުބާރާތް ވަނީ 2022 ވަނަ އަހަރަށް ފަސްކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ތަރިން ފެނިގެންދާނެ މި މުބާރާތަކީ ފޮނަދޫގެ އިތުރުން މުޅި ލާމު އަތޮޅުގައިވެސް ބާއްވަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންޝަރަކީ ޕާސްކަލްއެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްރަކީ ދުވަސްއެވެ.

އެހެން އަހަރުތަކުގައި ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޓައިޓްލް ސްޕޮންޝަރ ޕަސްކުއަލްގެ ފަރާތުން ވަރަށް ޚާއްޞަ ގިފްޓް ޕެކެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް