ހިޔާ ފްލެޓްގެ ދެ ފްލެޓެއް އެއްކޮށްލި މައްސަލައިގާ އެ ދެ ފްލެޓް ވަކި ކޮށްލަން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދޭން އަރބަންކޯއިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އަރބަންކޯއިން މިއަދު ބުނީ ހިޔާގެ ދެ ފުލެޓު އެއްކޮށްލުމާއި ގުޅިގެން އެ ކޯޕަރޭޝަންގެ ފަރާތުން އެފަރާތްތައް ޖޫރިމަނާކޮށް، ޔުނިޓުތައް ހަވާލު ކުރި އިރު ހުރިގޮތަށް އަލުން ބަދަލު ކުރުމަށް އަންގައި، އަދި މިކަން މިގޮތަށް ކޮށްފައި ނުވާތީ އެގްރިމަންޓް ބާތިލު ކުރުމަށް ވެސް ނިންމި ކަމަށެވެ.
"ނަމަވެސް، މިކަން ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން މި ކޯޕަރޭޝަނަށް ހުށަހަޅާފައިވާތީ، މި ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް މިހާރު ވަނީ ދެވިފައި" އަރބަންކޯއިން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަރބަންކޯއިން މިހެން ނިންމާފައިވަނީ ދެ ފްލެޓް ވަކިކޮށްލަން ތިން މަހުގެ މުއްދަތެއް ދިނުމުން ފްލެޓް ވެރި ފަރާތުން އެދުމުންނެވެ. އަދި ހަތް ދުވަހުގެ މުއްދަތެއް ދީފައިވަނީ އެ މަސައްކަތް ފަށާކަން ޔަގީން ކުރުމަށް ކަމުގައިވެސް އެނގިފައިވެއެވެ. އަދި ތިން މަސް ދުވަސް އިތުރަށް ދޭން ނިންމާނީ ހަތް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށައިފިނަމަ އެކަން ބެލުމަށްފަހުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް