ތާރީހަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހެވެ. ވަގުތަކީ ފުރަ މެންދަމުގެ ވަގުތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނަށް ލިބިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މެސެޖުފުޅެކެވެ.
އެ މެސެޖުގައި އޮތީ ބާކީވެ، ބިކަވެ އެއްފަރާތެއްގައި ހުންނަވަން ބޭނުންފުޅުނުވާކަމަށާއި ބޮޑުވަޒީރަކަށް ވާން ބޭނުންވާކަމަށެވެ. އިރު އަރަންދެންވެސް އެ މެސެޖު ފޮނުވައިނުލާ އެމަނިކުފާނަށް ހަމަ ކެތް ނުވީއެވެ. އެ ވަގުތަކީ ކޮވިޑުގެ ބަލިމަޑުކަމުގައި މުޅި ދުނިޔޭގެ އިގްތިސާދީ ހާލަތު ގޯސްވެ، މާދަމާ ވާނެގޮތަކާއިމެދު ސުވާލު އުފެދިފައިވާ ވަގުތެކެވެ. ނަމަވެސް ރައީސް ނަޝީދަށް އެ ވަގުތު މުހިންމުވީ އެމަނިކުފާނުގެ މުހުތާދު ފާޅުގައި ހާމަކުރައްވައިގެން ޖެހިގެން އަންނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިގެން ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަމަށް އައުން ހެއްޔެވެ. !؟
މި ހަނދާން މި އާކޮށްލަން ޖެހުނީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަށްފަހު އެ މަނިކުފާނުގެ ފޯނަށް މެސެޖު އަންނަވަރުން އެއްޗެއް ބުނެނުލާ އަނެއްކާވެސް ކެތް ނުވާކަމަށެވެ.
"އަޅުގަނޑަށް ފެންނަގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދުއް އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން" ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާއިމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.
ރައީސް ނަޝީދު މިހެން މިރޭ ވިދާޅުވެފައިވާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
ގައުމުގެ މާލީ ހާލަތު ހާމަކުރެއްވިއެވެ. ރައްޔިތުން ކަންބޮޑުވެ ހާސްވާންވީ ކަމެއް ނެތްކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުންވެސް ކޮންމެވެސް ވަރަކަށް ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވިއެވެ. އެގޮތުން ކޯލިޝަނަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގައިވެސް ދެންނެވިއެވެ.
ނަމަވެސް އެކަމުގައިވެސް ރައީސް ސޯލިހް ސާފުކޮށް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުން އަދި އޮތީ ޕާޓީން ނިންމާ ގޮތްތަކެއްގެ މައްޗަށް ކަމަށެވެ.
އެހެންނަމަވެސް ރައީސް ސޯލިހްގެ މި ވާހަކަފުޅުތަކުން ވަރަށް އަސަރުކޮށްފިކަން ރައީސް ނަޝީދު ކުރެއްވި ޓްވީޓުން އެނގެއެވެ. އެ ޓްވީޓަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން މިކަމަށް ފާޑުކިޔާ އެކަން ފާހަގަވެސް ކޮށްފައިވެއެވެ.
އެގޮތުން އެ ޓްވީޓަށް ރައްދު ދީފައިވާ އެކަކު ބުނެފައިވަނީ ދިވެހި ރާްޖެ ބޮޑު ބަލިމަޑުކަމެއްގައި ރައްޔިތުން ނުކައި ނުބޮއެ ތިއްބާ ރޭގަނޑު ދަންވަރު ރައީސް ސޯލިހަށް މެސެޖުކޮށް "މަށަށް ވެރިކަން ދޭށޭ، ބޮޑު ވަޒީރޭ، ދައުރު މެދުން އިންތިހބޭ ކިޔާފަ އާދޭސްކުރި މީހާ" ދައްކާ ވާހަކަ ވަރަށް "ޗީ" ކަމަށެވެ.
އިތުރު މީހަކު ބުނެފައިވަނީ ވެރިކަމަށް ފައި ނަގަންވާނީވެސް ވެރިކަމުގެ ވާހަކަ ދައްކަން ވާނީވެސް އެމަނިކުފާނު (ރައީސް ނަޝީދު) އެކަނި ކަމަށެވެ.
"ގާނޫނު އަސާސީގައި ތިޔަ ނަންފުޅު ބޮޑު އަކުރުން ލިޔަން ވެއްޖެ އަބަދަށް މި ގައުމުގެ ވެރިޔާގެ ގޮތުގަ" އެ ޓްވީޓްގައި މީހަކު ބުނެފައިވެއެވެ.
ހަމަ ހަގީގަތުގައިވެސް ފެންނަނީ އެ މަންޒަރެވެ. ވެރިކަމުގެ ވާހަކަ ދައްކަންވީވެސް ހަމަ އެކަނި އެ މަނިކުފާނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިރުވެސް ޕާޓީގެ ވެރިޔަކީ އެމަނިކުފާނެވެ. ގައުމުގެ ރައީސް ކަމުގައި ހުންނެވި އިރުވެސް ޕާޓީގެ ވެރިޔަކީ ހަމަ އެމަނިކުފާނެވެ. މިހާރުވެސް ހަމަ އެމަނިކުފާނެވެ. މި ހަމަ އޮންނަންވީ ހަމަ އެކަނި ތިމަން މަނިކުފާނަށް އެކަނި ހެއްޔެވެ !؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް