13 މިލިއަން ރުފިޔާގެ އަގު ހުރި ގޯއްޗެއް ދިވެހި ކޮންމެ ރައްޔިތަކަށް ހައްގު: މެމްބަރު އަލީ

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ އުސޫލާއި މެދު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފި އެވެ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ސަރުކ...

08 Jun 2022 | 17:07

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ އުސޫލާއި މެދު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފި އެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން މާލޭ ރަށްވެހިންނަށް 3،000 ގޯތި މި ދައުރުގައި ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ ވައުދު ފުއްދުމުގެ ގޮތުން މިމަހު ތެރޭގައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް 13 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް ހައްގު ވާނެ ކަމަށެވެ. އަދި އެވާހަކަ އަކީ ގަބޫލު ކުރަންޖެހޭ ވާހަކައެއްކަން ބުނެދިނުމުގެ ގޮތުން ވަނީ ޓުވީޓުގައި ސުވާލު ކުރައްވާފަ އެވެ.

އަލީ ހުސައިން އަކީ މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ހިތްހަމަ ނުޖެހުން ފާޅު ކޮށް ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން މާލެ ތޮއްޖައްސަން ސަރުކާރުތަކުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް މިއަދު ވިދާޅުވީ މާލޭ ރަށްވެހިންނަށް ބިންވެރިކަން ހޯދައިދިނުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފަހުން ކުރަން ހުރި ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމަށެވެ.

ފުރަތަމަ އިއުލާނުކުރާން ނިންމާފައި ވަނީ 3000 ގޯއްޗެވެ. އެ ގޯތިތައް ހިމެނެނީ ހުޅުމާޅެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް