ނަޝީދުގެ 30 ޕަސެންޓުން ރައީސް ކަމަށް އާދެވޭ އިސްލާހާއި ރައީސް ސޯލިހު ދެކޮޅު!

ރިޔާސީ އިންތިހާބުގެ ވޯޓުގެ30 ޕަސެންޓު ލިބޭ ބޭފުޅަކަށް ދެވަނަ ބުރަށް ނުގޮސް ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިގޮތަށް ގާނޫނަށް އި...

08 Jun 2022 | 16:45

ރިޔާސީ އިންތިހާބުގެ ވޯޓުގެ30 ޕަސެންޓު ލިބޭ ބޭފުޅަކަށް ދެވަނަ ބުރަށް ނުގޮސް ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިގޮތަށް ގާނޫނަށް އިސްލާހު ގެންނަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ މި އިސްލާހު މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ މައްސަލަ ހުށަހަޅަން ނިންމާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ  30 ޕަސެންޓުގެ ވޯޓު ކާމިޔާބުކުރައްވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނަށް ތާއީދުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވަން ޖެހޭނީ ގާނޫނުއަސާސީގައި މިހާރު ވެސް ކަނޑައަޅާފައި އޮތް ގޮތަށް، ރައްޔިތުންގެ 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުގައި 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯދައި އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަށް ވިޔަސް އިންތިހާބު ކާމިޔާބުވާނީ ކޯލިޝަން ހަދައިގެން ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއި އެކު ނަޝީދު ބޭނުންފުޅުވާ ގޮތަށް އެމްޑީޕީގެ ތެރެއިން އެ އިސްލާހަށް ތާއީދު ލިބޭނެ ކަމާއި މެދު ވަނީ ޝައްކު އުފެދިފަ އެވެ. އެއީ އެމްޑީޕީގެ ގައުމީ މަޖިލީހާއި ގިނަ ގޮފިތަކުން މިހާރު ތާއީދު ކުރައްވަނީ ރައީސް ސޯލިހަށް ކަމަށްވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް