ދަރަނި 100 ބިލިއަނާއި ގާތް ކުރިޔަސް، ދެއްކުުމުގައި ގޮންޖެހުމެއް ނެތް: ރައީސް

ރާއްޖޭގެ ދަރަނި މައްޗަށް ދިޔަޔަސް ދަރަނި ދެއްކުމުގައި ގޮން ޖެހުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު...

08 Jun 2022 | 11:57

ރާއްޖޭގެ ދަރަނި މައްޗަށް ދިޔަޔަސް ދަރަނި ދެއްކުމުގައި ގޮން ޖެހުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތަށް ބަލައި ބައެއް މަޝްރޫއުތައް މެދުކަނޑާލާފައިވާ ކަމަށާއި މި ވަގުތު ލޯނު ނަގައިގެން ބޮޑު އާ މަޝްރޫއެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މިވަގުތު ހާލަތު އޮތް ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ބައެއް މަޝްރޫއުތައް، އިގްތިސާދަށް އަންނަ ބަދަލަށް ބަލާފައި ނޫނީ ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތައް ކަމަށާއި އެ ކަންކަން ކުރިއަށް ގެންދިއުމުގައި ދަތިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޔޫސަބްލް ރިޒާވްގައި ރަނގަޅު އަދަދަކަށް ފައިސާ އެބަހުރި ކަމަށެވެ. އަދި ތެލާއި ކާޑާއި ބޭސް ފަދަ ތަކެތި ގަތުމަށް މި އަހަރު ނިމެންދެން ވެސް ދަތިކަމެއް ނެތި ހޭދަކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެކަމަކު ރައީސް ވިދާޅުވި ގޮތުގައި މި ވަގުތު މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ބަދަލުން ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުން ކަމަށާއި އެކަން ހުރިހާ ދިވެހި ރައްޔިތުން ގަބޫލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް