މަރުގެ އިންޒާރު ދިނީ އަހަންނަކަށް ނޫން، ބައްޕައަށް: ސަލްމާން

ބޮލީވުޑްގެ ބަތަލް ސަލްމާން ހާނަށް މަރުގެ އިންޒާރު ދިން ވާހަކަ އޭނާ ދޮގުކޮށްފި އެވެ. މިދިޔަ ހަފްތާގައި އިންޑިއާގެ މަޝްހޫރު ރެޕާ އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕަންޖާބު ސްޓޭޓްގެ ލީޑަރު ސީދޫ މޫސް ގަޔަށް...

08 Jun 2022 | 10:31

ބޮލީވުޑްގެ ބަތަލް ސަލްމާން ހާނަށް މަރުގެ އިންޒާރު ދިން ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

މިދިޔަ ހަފްތާގައި އިންޑިއާގެ މަޝްހޫރު ރެޕާ އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕަންޖާބު ސްޓޭޓްގެ ލީޑަރު ސީދޫ މޫސް ގަޔަށް ބަޑި ޖަހައި މަރާލާފައިވެ އެވެ. އޭނާގެ މަރަށް ފަހު ސަލްމާން ހާނަށް މަރުގެ އިންޒާރު ދީފައިވާތީ ފުލުހުން އޭނާއަށް އިތުރު ސެކިއުރިޓީ ދޭން ފަށާފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.

މި މައްސަލައިގަ ސަލްމާން ފުލުހުންނަށް މިއަދު ބަޔާނެއް ދޭން ދިޔަ އެވެ. އެ ބަޔާނުގައި އޭނާ ބުނީ މަރުގެ އިންޒާރު ލިބިފައި ނުވާ ކަމަށެވެ. އަދި މި ފަހުން އޭނާ އާއި އެއްވެސް މީހަކާއި މައްސަލައެއް ޖެހޭ ޒާތުގެ ކަމެއްވެސް ވެފައި ނުވާ ކަމަށް އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި އެވެ.

ސަލްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ މީޑިއާގައި ރިޕޯޓު ކުރި އިރު އޭނާ ހުރީ ގަތަރުގެ ވެރިރަށް ދޯހާގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި އައިފާ އެވޯޑު ހަފްލާގައި ބައިވެރިވުމަށް ގޮހެވެ. އޭނާ ފުލުހުންނަށް ބަޔާން ދިނީ އެ ދަތުރަށް ފަހު އެނބުރި އިންޑިއާއަށް ގޮހެވެ.

ބަޔާނުގައި ސަލްމާން ބުނީ މަރުގެ އިންޒާރު ދިނީ އޭނާގެ ބައްޕަ ސާލިމް ހާނަށް ކަމަށެވެ.

ސަލްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ އަޑު ގަދަވީ މިދިޔަ އާދިއްތަ ދުވަހު މަރާލާނެ ކަމަށް ބުނެ އިންޒާރު ދީ ސަލްމާނާއި އޭނާގެ ބައްޕަ ސާލިމްގެ ނަން ލިޔެ، ފޮނުވާފައިވާ ސިޓީ އަކާއި ގުޅިގެންނެވެ. އެ ސިޓީ ބާއްވާފައި އޮތީ ސާލިމް ހެނދުނު ދުވަސް ގޮސް އައިސް ކޮންމެ ދުވަހަކު އިށީނދެލާ، މަގުމަތީގައި ހުންނަ ގޮނޑިއެއްގައި އެވެ.

އެ ސިޓީގައި އޭނާގެ ނަން އޮތަސް ސަލްމާން ބުނީ އެފަދަ ބިރުވެރިކަމެއް އޭނާއަށް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ވަނީ 200 ސީސީޓީވީ ފުޓޭޖު ބަލައި އެމީހުންގެ ސެކިއުރިޓީއަށް ވަރުގަދަ ޓީމެއް އެކުލަވާލާފަ އެވެ. އަދި އެ މައްސަލަ ދަނީ މުމްބާއީ ކްރައިމް ބްރާންޗު ހިމެނޭހެން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް