ލައިޓެއް ނެތިގެން ދަނޑެއްގައި ނުކުޅެވުމަކީ މަޖިލީހުގައި މިނިސްޓަރާ ސުވާލުކުރެވެންޖެހޭ ކަމެއްގެ ގޮތުގައި މެންބަރުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލައްވަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ލ.މާވަށުގެ ފުޓްސެލް ދަނޑުގެ ޓާފް އެއްކޮށް ހަލާކުވެފައިވާތީ މިކަން ހައްލުކޮށްދެވޭނީ ކޮންއިރަކުތޯ އާއި، މާވަށުގެ 2 ވޮލީ ކޯޓާއި ފުޓްސެލް ދަނޑުގެ ލައިޓުތައް ހަލާކުވެ ނުދިއްލޭތީ ލައިޓުތައް އަލުން ޖަހައިދެވޭނެ ތާރީޚާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެކަމާއި ގުޅިގެން މިނިސްޓަރ މަޙްލޫފް މިއަދު ވިދާޅުވީ ރަށްރަށުގެ ދަނޑުތަކުގެ މައްސަލައަކީ ކައުންސިލްތަކަށްވެސް ހައްލު ކުރެވޭވަރުގެ މައްސަލައެއް ކަމަށެވެ.
އަދި ދަނޑުތަކުގެ ލައިޓެއް ނުދިއްލިގެން މިނިސްޓަރާއި ހިސާބަށް އެކަން ގެނެސް މަޖިލީހުގެ ތަޅުމުގައި ލައިޓަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ.
އެގޮތުން މަހުލޫފް ވިދާޅުވީ ކައުންސިލްތަކަށް ބަޖެޓް އިތުރުކޮށްގެންވެސް މިފަދަ ކުދިކުދި މައްސަލަތަކަށް ހައްލު ހޯދެންވާނެ ކަމަށާއި ލައިޓް ނުދިއްލުންފަދަ ކުދިކުދި ކަންތައް މިނިސްޓަރާއި ހިސާބަށް އައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ފުޓްސަލް ދަނޑުގެ ލައިޓް އަނދާފައި ހުރުމުން ނުކުޅެވި، ވޮލީކޯޓުގެ ލައިޓެއް ނެތިގެން ނުކުޅެވި ތިބެންޖެހޭ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާވަށު ފުޓްސަލް ދަނޑުގެ މަރާމަތުގެ ރިކުއެސްޓް ކައުންސިލުން ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ބަޖެޓް ކުރެވިފައި ނެތް ކަމަށެވެ.
އަދި އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވާނެކަމަށް މިނިސްޓަރ މަހުލޫފް މިއަދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް