އޮސްޓްރޭލިއާއިން ސާރުގެ އާއިލާއަށް ނިސްބަތްވާ އައު ވައްތަރެއް ހޯދިއްޖެއެވެ. ސައިންވެރިން ބުނާ ގޮތުގައި، މި ސާރަކީ މިހާތަނަށް ދުނިޔެއިން ފެނިފައިވާ އެންމެ ބެޑެތި ސާރުތަކުގެ ތެރޭގައި ހިމެނޭ ސާރެކެެވެ.މި ސާރު އެއްކޮށް ދެނެގަނެވިފައި ވަނީ، މީގެ ކަށިތައް އެންމެ ފުރަތަމަ އެ ސަރަޙައްދުގެ ދަނޑިވެރިންނަށް ފެނުނުތާ 10 އަހަރު ފަހުންނެވެ.
ސައިންސްވެރިން ހާމަ ކުރާ ގޮތުގައި، މި ސާރު ދުނިޔޭގައި އުޅެފައިވަނީ 92 މިލިއަން އަހަރާއި 96 މިލިއަން އަހަރާއި ކުރިންނެވެ.އަދި މި ސައުރަޕޮޑަކީ ގަސްގަހާގެހި ކައިގެން ދިރިއުޅުނު ޖަނަވާރެއް ކަމަށާއި، މި ވައްތަރުގެ ސާރު ދުނިޔޭގައި އުޅެފައި ވަނީ،އޮސްޓްރޭލިއާ އެންޓާރޓިކާއާއި ގުޅިފައިވި ދުވަސްވަރު ކަމަށްވެސް ސައިންވެރިން މައުލޫމާތު ދެއެވެ.
ސައިންވެރިން މި ސާރަށް ދީފައިވާ ނަމަކީ އޮސްޓްރޭލޮޓައިޓަން ކޫޕަރެންސިސްއެވެ.މިއީ، މި ސާރުގެ ކަށިތައް އެންމެ ފުރަތަމަ ފެނިފައިވާ ގުޅުވައިގެން ކިޔާފައިވާ ނަމެކެވެ.2006 ވަނަ އަހަރު މި ސާރުގެ ކަށިތައް ފެނިފައިވަނީ ކުއީންސްލޭންޑް ސްޓޭޓުގައި ހުންނަ ދަނޑުވެރި ކަމަށް ބޭނުން ކުރާ ބިމަކުންނެވެ.
ސާރާއި ގުޅޭ ދިރާސާ ކުރައްވާ ސައިންސްވެރިން ލަފާ ކުރައްވާ ގޮތުގައި، މި ސާރުގެ މެދާއި ހަމައަށް، ދިގު މިނުގައި 5 މީޓަރާއި 6.5 މީޓަރާއި ދެމެދުގެ ދިގުމިނެއް ހުންނާނެއެވެ.އަދި ފުރިހަމަ އިސްކޮޅުގައި 25 މީޓަރާއި 30 މީޓަރާއި ދެމެދުގެ ދިގުމިނެއް ހުންނާނެއެވެ. އެހެން ކަމުން،މި ސާރު ދެ ފަންގިފިލާގެ އިމާރާތެއްހާ ދިގުވާނެ ކަމަށްވެސް ސައިންވެރިން ބުނެއެވެ.
މި ދިގު އިސްކޮޅުގެ ސަބަބުން، މި ސާރު ވެގެން ގޮސްފައިވަނީ އޮސްޓްރޭލިއާ ބައްރުން މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ސާރަށެވެ.އަދި މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު 5 ސާރުގެ ލިސްޓަށް މި ސާރު ވަނީ އިތުރު ވެގެން ގޮސްފައެވެ. މީގެ ކުރިން ޓައިޓަނަސޯރ ގުރޫޕަށް ނިސްބަތްވާ މިފަދަ ބިޔަ ސާރުތައް ހޯދިފައިވަނީ ހަމަ އެކަނި ދެކުނު އެމެރިކާ ބައްރުންނެވެ.
ސާރުގެ ކަށިތަކަކީ ބިޔަ، ބަރު އަދި ނާޒުކު އެއްޗެއް ކަމުން، މިފަދަ ކަށިތައް ހޯދުމަށްފަހު ހުންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިއުޒިއަމްތަކުގައި ރައްކާތެރި ކުރެވިފައެވެ. އެހެން ކަމުން، ސައިންވެރިންނަށް މިފަދަ ކަށިތައް މެދުވެރިކޮށް އިތުރަށް ދިރާސާ ކުރުން ވަނީ ދަތި ކަމަކަށެވެ.މިކަމާއިއެކުވެސް، އޮސްޓްރޭލިއާއިން ފެނުނު މި ސާރަކީ އައު ވައްތަރެއްގެ ސާރެއްކަން ޔަޤީން ކުރުމަށްޓަކައިި، އެރޮމަންގާ ނެޗުރަލް ހިސްޓްރީ މިއުޒިއަމްގެ ޓީމުން ވަނީ އައި ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކޮށް، ފުރަތަމަ ފަހަރަށް ސާރުގެ ކޮންމެ ކަށިކޮޅެއްގެ ވަކިވަކި 3-ޑީ ސްކޭނެއް ހަދާފައެވެ.އަދި މި ނަތީޖާތައް މީގެ ކުރިން ހޯދިފައިވާ ހޯދުންތަކާއި ވަނީ އަޅާ ކިޔާފައެވެ.
އޮސްޓްރޭލިއާއިން މޭގެ ކުރިން ހޯދިފައިވަނީ ސައިޒުން ވަރަށް ކުދި ތެރެޕޮޑް ސާރުތަކުގެ ކަށިތަކެކެވެ.އާންމު ގޮތެއްގައި މިފަދަ ކުދި ސާރުތަކަށް މި އައު ސާރުފަދަ ބިޔަ ޖަނަވާރަކަށް ހަމަލާ ދީ، މަރާލުމުގެ ކުޅަދާނަ ކަމެއް ނުހުންނާނެއެވެ.އެހެން ކަމުން، މި ސަރަޙައްދުގެ ދިރާސާ ކުރެއްވި ސައިންސްވެރިން ދެކޭ ގޮތުގައި، މި ހޯދުނު ސާރަށްވުރެ މާ ބޮޑެތި ސާރުތަކެއްވެސް މި ސަރަޙައްދުގައި އުޅެފައިވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.އަދި މި ސައޮރަޕޮޑްތައް އެއަށްވުރެ އެތައް ގުނަ ބިޔަ ސާރުތަކެއް ވެގެން ޝަކާރަކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ސައިންވެރިން ބުނެއެވެ.
މި ސާރު ފެނުނު ސަރަޙަައްދުން، ސާރުގެ އާއިލާގެ އެހެނިހެން ވައްތަރުތަކުގެ ކަށިތައްވެސް ވަނީ ހޯދިފައެވެ.ފީލްޑް ޕެލިއޮންޓޮލޮޖިސްޓެއް ކަމަށްވާ މެކެންޒީ ވިދާޅުވާ ގޮތުގައި، ޕެލައިއޮ ޓޫރިޒަމްއަކީ ވަރަށް ބޮޑު މާކެޓެއް ހޯދާފައިވާ ފަތުރުވެރިކަމުގެ ބާވަތެއް ކަމުން، އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވުމާއިއެކު ގިނަ ބަޔަކު މި ސަރަޙައްދަށް ދިއުމަށް މަސައްކަތް ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް