ދިރާގުން މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ވަރޗުއަލް ހަފުލާއެއް ބާއްވާ، ޒޫނާ ނަސީމް ބްރޭންޑް އެމްބެސެޑަރ އެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ޒޫނާ ނުވަތަ އާންމު ނަމުން ނަމަ ޒޫންޓި އަކީ މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކޮށްދެއްވާ އަދި ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރ ވެސް މެއެވެ. މީގެ އިތުރުން ޒޫނާ އަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތްކުރަށްވަމުންދާ ޚިދުމަތްތެރިއެކެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، 'ކެއަރ ފޯ ދި އޯޝަންސް' އަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށެވެ. އަދި މި ޚާއްސަ ދުވަހު ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އެއްގެ ގޮތުގައި ޒޫނާ ނަސީމް ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރ އެއް ގުޅުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
" އެކުގައި މަސައްކަތްކޮށްގެން އަލުގަނޑުމެންގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިހައްވުރެ ބާރަށް ކުރިއަށް ގެންދާނަން" ޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ޒޫނާ ނަސީމް ވިދާޅު ވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަކަށް ވުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމުގައެވެ.
" މިއަދު އަޅުގަނޑުމެންގެ ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި. އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ އޭގެ ނުހަނު ނޭދެވޭ އަސަރު ކުރަމުން. ދިރާގު ބްރޭންޑް އެމްބެސެޑަރ ގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރާނަން" ޒޫނާ ބުނެފައި ވެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.
މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ކޮށްފައި ވެއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ.
2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ.
އަދި ހަމަ އެހެންމެ މިދިޔަ އަހަރު ދިރރައްކާތެރިގޮތުގައި ޕީ.ޕ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ވަނީ ހޭލުންތެރިކަން ފޯރުކޮށްދީފައިއެވެ.
މި އަހަރު ދިވެހި ސަރުކާރުން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނައްތާލުމަށް އަޅުއްވާފައިވާ ފިޔަވަޅަކީ ދިރާގުން އެކަމަށް ނުހަނު އުފާކުރާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބްރޭންޑް އެމްބެސެޑަރ ޒޫނާއާ އަކީ ރާއްޖޭގެ ކަނޑުތަށް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ، މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައިވެސް އަމަލީގޮތުން ޝާމިލުވެ ބައިވެރިވާން ދިރާގުން ތައްޔާރު ކަމަށް އެކުންފުނިން ބުނެއެވެ.
މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދިރާގުން ޤަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް