ޓުވިޓާގައި ޗައިނާއަށް ތާއީދު ކުރާ ފޭކު ފޮލޮވަރުންގެ ލަޝްކަރެއް އެ ޤައުމުން ގެންގުޅޭކަން ހާމަވެއްޖެ

ދުނިޔޭގެ އެކި ޤައުމުތަކުގައި ޗައިނާއާއި އޮންނަ ތަރުޙީބު އިތުރު ކުރުމަށްޓަކައި އެ ޤައުމުން ހުޅަނގުގެ މީސް މީޑިއާ މަންސަތަަކުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޤްޞަދުގައި ޗައިނާގެ ވެ...

08 Jun 2021 | 14:23

ދުނިޔޭގެ އެކި ޤައުމުތަކުގައި ޗައިނާއާއި އޮންނަ ތަރުޙީބު އިތުރު ކުރުމަށްޓަކައި އެ ޤައުމުން ހުޅަނގުގެ މީސް މީޑިއާ މަންސަތަަކުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަޤްޞަދުގައި ޗައިނާގެ ވެރިކަން ކުރާ ޕާޓީ ކޮމިއުނިސްޓު ޕާޓީ އެކި އުކުޅުތައް ބޭނުން ކުރަމުން އަންނަ އިރު، މިފަހަރު، އެސޯސިއޭޓު ޕްރެސްއާއި އޮކްސްފޯޑުން މިވަނީ ޗައިނާ ޓްވިޓަރުގައި ފޭކް ފޭނުންގެ ލަޝްކަރެއް ގެންގުޅޭ ކަމަށް ތުޙުމަތު ކޮށްފައެވެ.

ދީދި ފަހަކާއި ޖެހެންދެން، ޗައިނާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިޔޫ ޝައޯމިންގ ވަނީ ސަފީރު ކަމުގެ މަޤާމުން ވަކިވެ ވަޑައިގެންފައެވެ.ޝައޯމިންގއަކީ މީސްމީޑިއާ މަންސައިތަކުގައި ޗައިނާގެ އެންމެ ކާމިޔާބު އެއް ސިޔާސީ ބޭފުޅާއެވެ.2019 ވަަނަ އަހަރުގެ އޮކްޓޯބަރު މަހު ޓްވިޓަރ މަންސައާއި ގުޅިވަޑައިގެން ޝައޯމިންގއަށް ވަނީ އެތައް ހާސް ފޮލޮވަރުންތަކެއް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލިބިވަޑައިގެންފައެވެ.އަދި ޝައޯމިން މިސާލަކަށް ދެކެ ވަޑައިގެން، ޗައިނާގެ ގިނަ ޑިޕްލޮމެޓުންވެސް ވަނީ ޓްވިޓަރއާއި ގުޅިވަޑައިގެން، އެ މަންސައިގައި އަމިއްލަފުޅު އެކައުންޓްތައް ހައްދަވާފައެވެ.

އޭރުއްސުރެ، ޝައޯމިންގަށް މިހާތަނަށް 119،000 ފޮލޮވަރުން ލިބިވަޑައިގެންފައިވާ އިރު،އެ ބޭފުޅާ ވެވަޑައިގެންފައިވަނީ ޗައިނާއިން މީސްމީޑިއާގައި އަމާޒު ކުރާ ލަނޑުދަނޑިތަކަށް ވާސިލްކޮށްދެއްވާނެ ފަދަ "ވުލްފް ވޯރިއަރ"އަކަށެވެ.މިއީ، ޗައިނާގެ ވަރަށް މަޤްބޫލު ފިލުމަކަށް ކިޔާ ނަމަކުން ނަގާފަައިވާ ނަމެކެވެ.

މިހާރު ކޮރެއާ ސަރަޙައްދުގެ މައްސަލަތަކާއި ގުޅޭ އިދާރާއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަ މަންދޫބުގެ މަޤާމުގައި ހުންނެވި ޝައޯމިންގ މި ނަމާއި މެދު ވިދާޅުވަނީ، "ވުލްފް ވޯރިއަރ" އޭ ކިޔަނީ ދުނިޔޭގައި ގިނަ ހިޔަޅު އުޅޭތީ ކަމަށާއި، މިފަދަ ހިޔަޅުތަކާއި ހަނގުރާމަ ކުރާނެ ހަނގުރާމަވެރިން ދުނިޔެއަށް ބޭނުންވާ ކަމަށެވެ.ޝައޯމިންގ އާންމު ގޮތެއްގައި ޕޯސްޓު ކުރައްވަނީ ޗައިނާއާއި ޚިލާފަށް ދައުރުވަމުންދާ ޕޯސްތަކާއި ގުޅޭގޮތުން ނުވަތަ ދެކެވޭ ވާހަކަތަކާއި ގުޅިގެން ވަރުގަދަ ރައްދުތަކެވެ. އަދި މިފަދަ ޕޯސްޓުތައް، ޓްވިޓަރގައި ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާއި ހަމައަށް އެކަނިވެސް 43،000އަށް ވުރެ ގިނައިން ރީޓްވީޓު ކޮށްފައި ވެއެވެ.

ނަމަވެސް ޝައޯމިންގއާއި އެބޭފުޅާއާއިއެކު މަސައްކަތް ކުރައްވާ އެހެން ބޭފުޅުންނަށް މި ލިބެމުންދާ ތަރުޙީބަކީ އުފައްދާފައިވާ ތަރުޙީބެއް ކަމަށް ބުނާ ގިނަ ބަޔަކު އެބައުޅެއެވެ.އެސޯސިއޭޓް ޕްރެސްއާއި އޮކްސްފޯރޑު އިންޓަރނެޓް އިންސްޓިޓިއުޓް ގުޅިގެން ހިންގި 7 މަސް ދުވަހުގެ ތަޙްޤީޤަކުން ހާމަ ކުރި ގޮތުގައި، ޗައިނާއަށް ޓްވިޓަރގައި މިހާ ބޮޑު ތަރުޙީބެއް ލިބެމުންދާ ސަބަބަކީ، ފޭކް ފޭނުން ނުވަތަ ފޮލޮވަރުންގެ ލަޝްކަރެއްގެ ސަބަބުންނެވެ.މި ފޭކް އެކައުންޓުތަކުން އަންނަނީ ޝައޯމިންގފަދަ ޗައިނާގެ ގިނަ ޑިޕްލޮމެޓުންނާއި ދައުލަތުގެ މީޑިއާގެ ޓްވީޓްތައް އެތައް ހާސް ފަހަރަކު ރީޓްވީޓު ކުރަމުންނެވެ.މިކަމުގެ ސަބަބުން، ޗައިނާގެ ޕްރޮޕެގެންޑާ ސަތޭކަ މިލިއަން މީހުންނަށް ވުރެ ގިނަ އަަދަދެއްގެ ބަޔަކަށް ފަސޭހަކަމާއިއެކު ފޯރައެވެ.އަދި ގިނަ ފަހަރަށް، މިފަދަ ޕްރޮޕެންޑާއާއި ގުޅުން ހުރި ޕޯސްޓުތަކަކީ ޗައިނާގެ ސަރުކާރުން ސްޕޮންސަރ ކޮށްގެން އައިސްފައިވާ ޕޯސްޓުތަކެއްކަން ނޭނގޭ ކަމަށްވެސް މި ތަޙްޤީޤުން ހާމަވެއެވެ.

އެގޮތުން،ޖަނަވަރީ މަހާއި ޖޫން މަހާއި ދެމެދު، ޝައޯމިންގ ގެ ޕޯސްޓުތަކުގެ ރީޓްވީޓް ކޮށްފައިވާ އެކައުންޓުތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި އެކައުންޓުތަކަކީ އެ މަންސައިގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ޓްވިޓަރއިން ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތަކެެވެ.ޗައިނާގެ ޑިޕްލޮމެޓުންގެ ރީޓްވީޓު ކޮށްފައިވާ ކޮންމެ 10 ރީޓްވީޓަކުން އެއް ރީޓްވީޓަކީ، މިފަދައިން ސަސްޕެން ކޮށްފައިވާ އެކައުންޓަކުން ކޮށްފައިވާ ރީޓްވީޓެކެވެ.

މީގެ އިތުރުން، އެކި ޤައުމުތަކުގެ ރައްޔިތުންގެ ގޮތުގައުވެސް ގިނަ ފޭކު އެކައުންޓުތަކެއް ޗައިނާއިން ބޭނުން ކުރަމުންދާ ކަމަށް މި ތަޙްޤީޤުން ދައްކައެެވެ. މީގެ ތެރޭގައި، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ގޮތުގައި ދައްކާ އެކައުންޓުތައް ގިނައެވެ.މި އެކައުންޓުތަކުން ވަނީ ޗައިނާގެ ސަރުކާރުން އުފައްދާފައިވާ ކޮންޓެންޓްތައް 16،000 ފަހަރަކު ރީޓްވީޓާއި ކޮމެންޓު ކޮށްފައެވެ. ނަމަވެސް އޭޕީ އަދި އެޮކްސްފޯޑުގެ ތަޙްޤީޤުގެ ނަތީޖާއާއި ގުޅިގެން، ޓްވިޓަރއިން މިހާރު އަންނަނީ މި ފޭކް އެކައުންޓުތައް އެ މަންސައިން ވަކި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.ފޭކް އެކައުންޓުތައް ވަކި ކުރަމުންދާ ވަރަކަށް އައު ފޭކް އެކައުންޓުތައް ހަދަމުން ދާކަންވެސް ފާހަގަ ކުރެވެއެވެ.

މިފަދަ ފޭކް އެކައުންޓުތަކުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވެއެވެ. އެގޮތުން، ޗައިނާގެ ޕްރޮޕެގެންޑާތަކަށް އޮތް ތަރުޙީބު އިތުރުވެގެންދާ ކަމަށް ދެއްކުމުގެ އިތުރުން، މިފަދަ އެކައުންޓުތަކުގެ ސަބަބުން މަންސައިގެ އަލްގަރިތަމްއަށްވެސް ނޭދެވޭ އަސަރު ކުރެއެވެ.

މިކަމާއި ގުޅިގެން އޭޕީއަށް ދިން ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ،އެއްވެސް ބާވަތެއްގެ މަކަރުވެރި އުކުޅުތަކެއް ޗައިނާއިން ބޭނުން ނުކުރާ ކަމަށާއި، މީހުން މަގު ފުރައްދާ ޕްރޮޕެގެންޑާގެ ވާހަކައަކީ ތެދު މައުލޫމާތެއް ނޫން ކަމުގައެެވެ.އަދި ޕަބްލިކުން ޗައިނާއާއި މެދު ދެކޭ ގޮތް އޮޅުވާލައިގެން ބަދަލު ކުރުމަށްޓަކައިވެސް އެއްވެސް މަސައްކަތެއް އެ ޤައުމުން ނުކުރާ ކަމަށް ޗައިނާއިން ބުނެއެވެ.މީގެ އިތުރުން،ހުރިހާ ފަރާތަކުން ޗައިނާއާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ހުއްޓާލާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

ދިރާސާ ކުރާ ފަރާތްތަކަށް މިފަދަ ދިރާސާތައް ކުރަން ފަސޭހަ ވެގެން ދަނީ، ދިރާސާ ކުރުމަށް ބޭނުންވާ މައުލޫމާތުތައް ނުވަތަ  ޑޭޓާ ލިބޭނެ ގޮތް ޓްވިޓަރއިން ފަސޭހަކަމާއިއެކު ފޯރު ކޮށްދެމުން ގެންދާތީއެވެ.އެހެން ހުރިހާ މީސްމީޑިއާ މަންސަތަކަކަށް ވުރެ ބޮޑަށް، ޓްވިޓަރއިން މިފަދަ ފުރުސަތުތައް ދިރާސާ ކުރާ ފަރާތްތަކަށް ފޯރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް