ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވައިލި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހާޒިރުކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ދަނީ ސިއްރުކޮށްގެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ރިޔާޒްގެ އިތުރުން، މިހާތަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.
މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް އިންކުއަރީއަށް ވަނީ ހާޒިރުކޮށްފައެވެ.
މަޖިލީހުން ބުނީ މި އިންކުއަރީއަށް އިތުރު29 ސިފައިންގެ އޮފިސަރަކު ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީން ދީފައިވާ ކަމަށެވެ.
މީގެ އިތުރުން މި އިންކުއަރީއަށް ހާޒިރު ކުރަން ޖެހިއްޖެ ނަމަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ހާޒިރު ކުރަން ޖެހިއްޖެ ނަމަ ހާޒިރު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް