ނިރުބަވެރި ހަރަކާތްތަކާއި އަމަލުތަކަށް ހިތްވަރުދޭ ބިދޭސީން ރާއްޖޭގައި އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސައިދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އަލީ އާޒިމް ވިދާޅުވީ ތިން ބާރުގެ ވެރިންގެ އިތުރުން ވެސް ރައްކާތެރިކަން ދޭން ޖެހޭ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ނިރުބަވެރިކަމުގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު މި ކަން މެދުވެރިވުމުގެ އެންމެ ބޮޑު މައްސަލައަކީ ވެސް ބިދޭސީންގެ ކިއްލާތަކެއް ރާއްޖޭގައި އުފެދުމެވެ.
"އެންމެ ބޮޑު މައްސަލައަކީ ބިދޭސީން، ޓެރަރިޒަމްގެ ކަންކަމަށް އެހީތެރިވެދޭ އެތައް ބިދޭސީން މި ރާއްޖޭގައި އެބަ މަސައްކަތް ކުރަމުންދޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެންމެނަށް ބޮޑެތި ރައްކާތެރިކަން ދިނުމަކީ ރާއްޖެ ފަދަ އިގްތިސާދަކަށް ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންވެ، މިފަދަ ކަންކަން ހިނގުމުގެ ކުރިން އެ ކަން ހުއްޓުވޭނެ ގޮތަކަށް އިމްތިޔާޒުތައް ބައްޓަންކޮށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް