އިންޑަސްޓްރިއަލް ވިލެޖުން ޕާކުކުރާނެ ތަން ކުއްޔަށް ދޫކުރަނީ

ވެރިރަށް މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައި ފުލުހުންގެ ޕޯސްޓެއް ޤާއިމުކޮށް، ވަގުތީގޮތުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު ...

08 Jun 2021 | 07:55

ވެރިރަށް މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައި ފުލުހުންގެ ޕޯސްޓެއް ޤާއިމުކޮށް، ވަގުތީގޮތުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ ކަންކަން މިހާރަށްވުރެ ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ އެތަނުގެ ޕްލޭންތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަަސްޓްރިއަލް ވިލެޖުގައި ހުރި ވެލި ފުނިތަކާއި، ހުރިހާ ކުނިބުނިތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް އެންމެ ލަސްވެގެން 2 ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދަނީ ވެމްކޯއާއި ޕަބްލިކް ވޯކްސް ގުޅިގެންނެވެ.

މޭޔަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމަށްފަހު އެތަނަށް އިތުރަށް ކުނިއެޅުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. އަދި އެ ސަރަޙައްދުގެ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އެތަނުގައި ފުލުހުންގެ ޕޯސްޓެއް ބެހެއްޓުމަށް ނިންމާ، ފުލުހުންނާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެތަނަށް ވަންނަ އެކްސެސް ކޮންޓްރޯލްކުރާނަން. ވަދެވޭނެވަކި މަގަކާއި، ނުކުތުމަށް ވަކި މަގެއް ކަނޑައަޅާނަން. އެތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ ޕޮލިހާ ވާހަކަދައްކައިގެން ޕޮލިސް ޕޯސްޓެއް ބަހައްޓައިގެން ޕޮލިހުންގެ ސަރވަލައިލަންސްގެ ދަށުން އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރަން." މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މޭޔަަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ ހަޤީޤީ ޕްލޭނާއެއްގޮތަށް އެތަނަށް ސިނާޢީ ތަންތަން ބަދަލުކުރުމަށްޓަކާ މާލޭގައި ހިންގާ އެފަދަ ތަންތަނާއި ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިހާރުވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، އެތަނުގެ ހަޤީޤީ ޕްލޭނާ އެއްގޮތަށް ސިނާޢީ މަސައްކަތްކުރާ ތަންތަން އެ ސަރަހައްދަށް ބަދަލުކުރެވެންދެން އެތަނުން ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެފަދަ ގޮތަކަށް ކަންކަން ކުރުމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅޭކަމަށެވެ. އެގޮތުން ކާރާއި ޕިކަޕާއި ހެވީ ވެހިކަލްތަކަށް ޕާކުކުރުމަށް ވަކި ސްލޮޓްތަކެއް ކަނޑައަޅާ، ވަކި ޢުޞޫލެއްގެ މަތިން އެތަންތަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް