ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޓީވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށާއި މި ސަރުކާރުން ނަޝީދަށް އިންސާފު ހޯދައިނުދީފިނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
"މި ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދީފިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން، ހޯދައިދޭނެ" ނަޝީދު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ އަށް ތާއީދުކުރައްވާ ކަމަށެެވެ. އަދި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި އެ ކޮމިޓީން އެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަމީލްގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީގައި އޭނާ ސޮއިކޮށްފައިވާތީއެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހުގެ ވަކި ކޮމިޓީއަކުން އެގޮތަށް ކަންތައް ކުރުމަކީ އިންސާފު ހޯދައިދިނުމަށް މަޖިލީހުން ފެށި މަސައްކަތުގެ ރޫހު ގެއްލިގެން ދިޔަ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް