ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި މަތީ ތާއުލީމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައިކޮލެޖް)ގެ ފަރާތުން ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަ ކެއާ ޕެކޭޖްތަކެއް ހަދިޔާ ކޮށްފިއެވެ.
މައިކޮލެޖްގެ ފަރާތުން މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވީ ޒޫމް މެދުވެރިކޮށެވެ. މި ރަސްމިއްޔާތުގައި މިއާންޒް އިންޓަނޭޝަނަލް ގްރޫޕްގެ ސީއީއޯ އަހްމަދު މުއްތަކީ, މައި ކޮލެޖްގެ ސީއީއޯ މުހައްމަދު ހަލީމް, އަދި މައިކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލްހާދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި ކަމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި އެ ޚިދުމަތްތެރިން ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން މިއާންޒް ގްރޫޕުގެ ފަރާތުން ހަދިޔާކުރި ތަކެއްޗަށް ޓަކައި ހެލްތު މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
މައިކޮލެޖުން އިންތިޒާމުކޮށް، މިއާންޒް ގްރޫޕުގެ އެހީތެރިކަމާއެކު ހަދިޔާކުރި މި ކެއަރ ޕެކޭޖްތަކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ތަފާތު ދިހަ ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރައްވާ ސިއްޙީ އެހީތެރިންނަށް ޚާއްޞަކޮށް ހަދިޔާކުރި ކެއަރ ޕެކޭޖްތަކެކެވެ.
މިކެއަރ ޕެކޭޖް ދިނުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީ، ގުޅީފަޅު އައިސޮލޭޝަން ފެސިލިޓީ، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީ، ހުޅުމާލެ ހޮސްޕިޓަލް، ށ.ފުނަދޫ ކޯވިޑް ފެސިލިޓީ، ބ.އޭދަފުށި ކޯވިޑް ފެސިލިޓީ، ލ.ގަން ކޯވިޑް ފެސިލިޓީ، ގއ. ވިލިގިނލީ ކޯވިޑް ފެސިލިޓީގެ އިތުރުން އައްޑޫ ކޯވިޑް ފެސިލިޓީއަށެވެ.
މި ކެއަރ ޕެކޭޖުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ހިކި ކިރު، ބިސްކޯދު، ކޮފީ، ސައިފަތް، ހަކުރު، ކޭކު އަދި ކަދުރު ހިމެނެއެވެ.
ކެއަރ ޕެކޭޖްތައް ރަމްޒީގޮތުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައިކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީއާއި މިއާންޒް ގްރޫޕުގެ ޗެއާމަން އަޙްމަދު މުއްތަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް