އުރީދޫ މޯލްޑިވްސް އިން، ކޭބަލް ޓީވީ އަދި އޯޓީޓީ ޚިދުމަތްތައް ދިނުމުގެ ޕާރޓްނަޝިޕް އެއްބަސްވުމެއްގައި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) އާއި އެކު މިއަދު ސޮއިކޮށްފިއެވެ.
މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކާއި ޓެލެކޮމް ކުންފުންޏަކާއި ކޮންޓެންޓް ޕާރޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރެވުނު ފުރަތަމަ ފަހަރު ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.
މިއަދު ޕީ.އެސް.އެމް ގެ މައި އިދާރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި ޕީ.އެސް.އެމް ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް އެވެ.
"އަޅުގަނޑުމެންގެ ކޭބަލް ޓީވީގެ ޚިދުމަތްތައް، އިންޓަނެޓް މެދުވެރިކޮށް، އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، މިއަދު އުރީދޫ އާއި އެކު ސޮއިކުރެވުނު އެއްބަސްވުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މި އެއްބަސްވުމުގެ ދަށުން، އަޅުގަނޑުމެންގެ ކޭބަލް ޓީވީގެ ޚިދުމަތުގައި ހިމެނޭ ހުރިހާ ޗެނަލްތަކާއި ކޮންޓެންޓެއް، އުރީދޫގެ ޚިދުމަތް ބޭނުންކޮށްގެން ސްމާޓްފޯން، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް އުރީދޫ ނެޓްވަރކް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެ. ޗެނަލް ތަކުގެ އިތުރުން، މިޒަމާނުގެ ކޭބަލް ޓީވީގައި ހިމެނޭ ޒަމާނީ ވަސީލަތްތައްވެސް ލިބިވަޑައިގަންނަވާނެ." ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރ، އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.
"އުރީދޫ މޯލްޑިވްސް އަކީ މުވާސަލާތީ ދާއިރާއަށް ވަރަށް ވަރުގަދަ އިންގިލާބެއް ގެނުވި ކުންފުންޏެއް. އަދި އެކުންފުންޏަކީ އަޅުގަނޑުމެންގެ ޕާރޓްނަރުންނަށް ބަލާއިރު ވަރަށް ޚާއްޞަ ކުންފުންޏެއް. ޕަބްލިކް ސަރވިސް މީޑިއާށާއި ހުރިހާ ޗެނަލްތަކަށް، އުރީދޫގެ ބޯޑާއި، އިސް މެނޭޖްމަންޓާއި، މުވައްޒަފުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަން. ކޮމިއުނިކޭޝަން ދާއިރާ ތަރައްޤީވަމުންދާ ވަރަކަށް، މީޑިއާގެ ދާއިރާވެސް ދާނީ އިތުރަށް ފުޅާވަމުން. އެހެންކަމުން، އުރީދޫ މޯލްޑިވްސްގެ ކުރިއެރުންތަކާއި އެކީ، ޕީއެސްއެމްގެ ކުރިއެރުންތައްވެސް، އެފެންވަރުގައި ގެންދެވޭތޯ އަޅުގަނޑުމެންގެ ދެފަރާތް ގުޅިގެން މަސައްކަތް ކުރާނަން. މިގޮތުން އައު ޚިދުމަތްތައްވެސް އަޅުގަނޑުމެން ދެފަރާތް ގުޅިގެން ކުރިމަގުގައި ތައާރަފްކުރާނަން." މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރ، އިބްރާހިމް ޚަލީލް އިތުރަށް ވިދާޅުވިއެވެ.
"މިއެއްބަސްވުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކާއި ޓެލެކޮމް ކުންފުންޏަކާއި ކޮންޓެންޓް ޕާރޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރެވުނު ފުރަތަމަ ފަހަރު. ފަޚުރުވެރިކަމާއެކު ފުރަތަމައަށް ޕީއެސްއެމްއާއެކު މި ސޮއިކުރެވުނީ އުރީދޫ މޯލްޑިވްސްއަށް. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ހުރިހާ ސްމާރޓް ޑިވައިސްތަކަށް ލިބޭނެހެން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދެވޭނެ. މިވަސީލަތްތައް ބޭނުންކުރައްވައިގެން ކޮންމެތާކު، ކޮންމެވަގުތަކު ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ލޯކަލް ޗެނަލްތައް ބަލާލެވި، ޑޮކިއުމެންޓްރީތަކާއި، ވީޑިއޯ އޮން ޑިމާންޑްފަދަ ތަފާތު މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ބޭނުންކޮށްލެވޭނެ." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދެމި އޮންނާނީ އެންމެފަހުގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ގެނައުމަށްޓަކައި އިންވެސްޓްކުރުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް