މަހްލޫފަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ. ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްޗަށް ހަ ...

08 Jun 2017 | 08:09

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅިކަން ސާބިތު ވުމުންނެވެ. ހައިކޯޓުން އެ ހުކުމަށް މިއަދު ތާއީދު ކޮށްފައިވާއިރު އެ ހުކުމުގެ މުއްދަތު މިހާރު ވަނީ ނިމިފަ އެވެ. މިހާރު މަހުލޫފުގެ މައްޗަށް ތަންފީޒު ކުރަމުން އެދަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމެވެ. މި ހުކުންވެސް މާދަމައަށް ނިމި އޭނާ މާދަމާ މިނިވަން ވާނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް މަހްލޫފް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާރިޗް މަހުގައި ބޭއްވި މުޒާހަރާއެއްގައި ފުލުހުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތްކަން ސާބިތު ވުމުންނެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކުރާކަން ނިންމާފައިމިވަނީ އެ މައްސަލަ މަހްލޫފުގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް