އާޔަތެއްގެ ހިޔަލުގައި

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.  ((وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى)) سورة البقرة 120 މާނައީ " ޔަހޫދީއަކަސް، އަދ...

08 Jun 2017 | 07:10

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.  ((وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى)) سورة البقرة 120

މާނައީ " ޔަހޫދީއަކަސް، އަދި ނަޞޯރާއަކަސް؛ އެމީހުންގެ ދީނަށް ކަލޭގެފާނު ތަބަޢަވެއްޖައުމަށްދާނދެން ކަލޭގެފާނަކާ އެމީހުންނެއް ހަމަހިލާ ނުރުހޭނެތެވެ. "

އިސްލާމީ އުއްމަތް ތަފާތު އެކިއެކި ގޮންޖެހުންތަކުގެތެރޭގައި ނިކަމެތިވަމުންދާ މި ދުވަސްވަރު މި މާތް އާޔަތުގައި؛ މުސްލިމުންނަށް އެ ޙާލު މެދުވެރިވާން ދިމާވި އަޞްލު ސަބަބު ކަޝްފުކުރައްވާފައިވާތަން ފެންނާން އެބައޮތެވެ. އާދެ! އަޅުގަނޑުމެންނަށް މިއަދުވެސް މި ފެންނަނީ ޔަހޫދީންނާއި ނަޞާރާއިންނާއި އަދި ކާފަރުންގެތެރެއިން އެމީހަކާ ނުވަތަ އެބަޔަކާ ގުޅުންހުރި ދާއިރާތަކުން ރަޙްމަތްތެރިކަން އުފައްދައި، ގާތްކަމާއި ހިތްހެޔޮކަމުގެ އުއްމީދަށް އެދި މުސްލިމުން ދޫކޮށް، އެކުވެރިވެގަނެގެން އުޅޭތަނެވެ. އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ އެތައްކަމެއް ކުރިމަތީ ހިނގައިގޮސް، މާތް ﷲ ނުރުއްސަވާ އެތައް ކަމެއް އެއް މަޖުލީހެއްގައި، އެއްމޭޒެއްމަތީ ހިންގެމުންދާއިރު ދުނިޔެވީ މަޞްލަޙަތުތަކެއް އެކާފަރުންގެ ކިބައިން ޙާޞިލްވުމުގެ ދަހިވެތިއުއްމީދުގައި ވަރިހަމަކޮށްލައިގެން ތިބޭތަނެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ފުށުން މުސްލިމުންނަށާއި އެމީހުންގެ ދީނަށް އަދި އެބައެއްގެ މުޖްތަމަޢުތަކަށް ހެވެއް ލިބިދާނެ އުއްމީދާއި، މޮޅެއް ޙާޞިލްވުމުގެ މަޞްލަޙަތު އިސްކުރުމުގައި ބައެއް މުސްލިމުން މިވަނީ މާތް ﷲ ގެ މި ވަޙީ ބަސްފުޅު އެއްކޮށް ހަނދާން ނައްތާލައި ތިމާމެންގެ ނަޒަރުން އަޞްލުޙަޤީޤަތް އެއްކިބާކޮށްފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއީ މުސްލިމުން އެފަރާތެއްގެ ރުއްސެވުން ލިބުމަށް މަސައްކަތްކުރަންޖެހޭ ގަދަކީރިތިވަންތަ މާތް ﷲ ގެ ހެކިބަސްފުޅެވެ. އެބަސްފުޅުގައި އެ ދެއްވާފައިވާ ޚަބަރަކީ ؛ކިތަންމެ ވަރަކަށް ޔަހޫދީންނާއި ނަޞާރާއިން ރުހިދާނެކަމަށް ތިމާމެންގެ ދީނުގެ ބައެއް ކަންކަމުން ތަނާޒުލްވެ، އެމީހުންގެ ފުށުން ހިތްހެޔޮކަން ލިބޭނެކަމަށް މާތް ﷲ ނަހީކުރެއްވި ކަންކަމަށް އިންކާރުކުރުމުގެ ބަދަލުގައި އެފަދަ މަޖްލީސްކުރާ މަޖްލީސްތަކުގައި ހުސްތަންފުރާލަން އިށީނދެތިއްބަސް ހަމަހިލާ އެމީހުންގެ ހިތެއް މުސްލިމުންނަކަށް ހެވެއް ނުކުރާނެތެވެ. ދެން އުފެދޭ ސުވާލަކީ ޔަހޫދީންނާއި ނަޞާރާއިންނާ ރަޙްމަތްތެރިކަން އުފައްދައި ގުޅުން ބަދަހިކުރި ކުރީނުން މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް ޙިމާޔަތްދީ، ކާފަރުންގެ ރުހުމާ ހިތްހެޔޮވެފައިތިބޭ މަންޒަރުވެސް ފެންނަމުން އެބަ ދޭނޫންތޯއެވެ؟

އާދެ! މިހިނދުން ޔަޤީންކަން އިތުރުވެގެންދަނީ ޔަހޫދީއަކަސް، އަދި ނަޞޯރާއަކަސް؛ އެމީހުންގެ ދީނަށް ކަލޭގެފާނު ތަބަޢަވެއްޖައުމަށްދާނދެން ކަލޭގެފާނަކާ އެމީހުންނެއް ހަމަހިލާ ނުރުހޭނެތެވެ" އަންގަވާފައިވާ ބަސްފުޅުގެ ތެދުކަމެވެ. އެހެންކަމުން އިދިކޮޅު ދެފަރާތުގެ ބަސްތަކުން އަޅުގަނޑުމެންނަށް ތެދުކުރެވޭން އޮންނާނީ ކޮންމެސް އެއްފަރާތެއްގެ ބަހެވެ. އެހެންނޫނީ މާތް ﷲ ގެ ބަހެވެ. ނޫނިއްޔާ މުސްލިމުން ދޫކޮށް ކާފަރުންނަކީ އެންމެ ގާތް ވާގިވެރިންކަމުގައި ހަދައިގެން ތިބި މީހުންގެ ބަހެވެ. ﷲ ގެ ބަސްފުޅަކީ އެއީ ތެދު ބަސްފުޅު ކަމުގައި އީމާންވާ މީހަކު؛ މުސްލިމުންނާ ދެކޮޅުވެރިވުމުގައި ޔަހޫދީންނާއި ނަޞާރާއިންގެ ގާތްވެ، އެމީހުންގެ ފަރާތުން މުސްލިމުންނާ އަދި އިސްލާމްދީނުގެ ޙުކުމްތަކާ އެހުކުމްތަކަށް އީމާންވެގެންތިބި މީހުންނާމެދު ކާފަރުން ރުހޭނޭފަދަ ބަސްބުނެ އިސްލާމްދީނާއި މުސްލިމުންގެ އަގުވައްޓާ ބަދުނާމް ކޮށްގެން އޭގެ އަގެއްގެ ގޮތުގައި  ކާފަރުންގެ ރުހުމާ އެމީހުންގެ އިނާމްތަކާ ލަގަބުތައް ލިބިގަންނަ މީހަކީ އެއީ އިސްލާމްދީނުގައި ހުރެގެން އެކަން އެގޮތައް ހިތުން ރުހުމުން ކުރެވޭނެ މީހެއްކަމުގައި ހަމަޔަޤީނުންވެސް ނުވާނެއެވެ. ސަބަބަކީ މާތް ﷲ ދެއްވާފައި މިވާ ޚަބަރުން އެނގެނީ ކާފަރުން އިސްލާމުންގެ ނަމުގައި ތިބި ބަޔަކާ ހިތުގެ އަޑިން ގުޅުން ބާއްވާ ރުހޭ ނަމަ އެމީހުން މިހާރު ތިބޭނީ އިސްލާމްކަން މަތީގައި ނޫންކަމެވެ. އަދި ކިއެއްތަ ޔަހޫދީންނާއި ނަޞާރާއިން ގެ ދީނުގެ މަތީގައެވެ. ބޭރުފުރުން އެމީހުން ކުރާގޮތައް އަޅުކަންތައްތަކެއް ނުކުރިޔަސް، ތިމާގެ ހިތުގައިވާ އީމާންކަމުގެ ވޮށް ހުންނާނީ ނިވިފައެވެ. ދަންނައެ، މުސްލިމުން ނިކަމެތި ވެފައިވަނީ މި ޢަޤީދާ ދޫވި ހިސާބުންނެވެ. والله المستعان

-الشيخ عبد الله بن محمد إبراهيم-

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް