ލައިފް އޯކޭއިން ދައްކާ މަޝްހޫރު ޑްރާމާ ސީރީޒް "ޗަންދްރަކާންތާ" ގައި ލީޑްރޯލް ކުޅޭ ކްރިތިކާ ކަމްރާ މީގެ ފަހުން އާދިއްތަ ދުވަހު ޑްރަމާގެ ޝޫޓިން ގައި ބައިވެރި ނުވާނެ ކަމަށް ބުނެފި އެވެ.
ކްރިތިކާ ބުނެފައިވަނީ ހަފްތާގެ ހުރިހާ ދުވަހެއް މަސައްކަތުގައި ހޭދ ކުރި ދުވަސް ހިނގައްޖެ ކަމަށެވެ. އޭނާ ބުނީ މިހާރު ޑްރާމާ ސީރީޒް ކުޅޭތާ 10 އަހަރުވެފައިވާ ކަމަށާއި، ދެން ބޭނުންވަނީ އާދިއްތަ ދުވަހަކީ އަމިއްލަ ދިރިއުޅުމައިގެން އުޅޭ ދުވަހަކަށް ހަދަން ކަމަށެވެ.
އެގޮތުން "ޗަންދްރަކާންތާ"ގެ އެގްރިމެންޓު އާ ކުރި އިރު އެއްބަސްވުމުގައި ސޮއި ކުރީ އާދިއްތަ ދުވަހު މަސައްކަތް ނުކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ޕްރޮޑިއުސަރު އެއްބަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކްރިތިކާ ބުނީ ފިލްމީ ދާއިރާ ނޫނަށް ޕްރޮފެޝަނަލް ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް ހަފްތާއަކު އެއް ދުވަސް މަސައްކަތާއި ދުރުގައި އަމިއްލަ ދިރިއުޅުމައިގެން އުޅެންޖެހޭ ކަމަށެވެ.
ކްރިތިކާ އާދިއްތަ ދުވަހު މަސައްކަތް ނުކުރަން ނިންމުމުން އެޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ އާދިއްތަ ދުވަހު ޝޫޓް ކުރާ އެޕިސޯޑުތަކުގައި ކްރިތިކާގެ ޑުބްލިކޭޓެއް ބޭނުން ކުރާށެވެ. "ޗަންދްރަކާންތާ" އަކީ މިހާރު އިންޑިއާގައި ވަރަށް މަޝްހޫރު ޑްރާމާ ސީރީޒް އެކެވެ.
ކްރިތިކާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރު ދައްކަން ފެށި "ޔަހަން ކީ ހަމް ސިކަންދަރު" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް