ހަނގުރާމައަށް ދާ ދިވެހިން ހުއްޓުވަން ތުރުކީއާ މަޝްވަރާކޮށްފި

ސީރިއާ އަށް ހަނގުރާމައަށްދާ ކަމަށް ބެލެވޭ ދިވެހިން އެ ގައުމަށް އެތެރެވުން ހުއްޓުވުމާއި ގުޅޭގޮތުން ތުރުކީ ސަރުކާރާ ދިވެހި ސަރުކާޜުން މަޝްވަރާކޮށްފި އެވެ. އޯއައިސީ ބައްދަލުވުމަށްފަހު ރާއްޖެ ވަޑައިގެން މ...

08 Jun 2015 | 09:10

ސީރިއާ އަށް ހަނގުރާމައަށްދާ ކަމަށް ބެލެވޭ ދިވެހިން އެ ގައުމަށް އެތެރެވުން ހުއްޓުވުމާއި ގުޅޭގޮތުން ތުރުކީ ސަރުކާރާ ދިވެހި ސަރުކާޜުން މަޝްވަރާކޮށްފި އެވެ.

އޯއައިސީ ބައްދަލުވުމަށްފަހު ރާއްޖެ ވަޑައިގެން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވިދާޅުވީ އެ މަޝްވަރާތަށް ކުރިޔަށް ގެންދިޔައީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ތުރުކީ ސަރުކާރުގެ ބޭފުޅުންނާ ވަކިން ކަމަށެވެ. ދުންޔާ ވިދާޅުވީ އެ މައްސަދުލުވުމުގައި ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސީރިއަށް ހަނގުރާމައަށްދާ ދިވެހިންގެ މައުލޫމާތު ރާއްޖެއަށް ހިއްސާކުރުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ތުރުކީ ސަރުކާރުގެ ބޭފުޅުން ދެއްވި ކަމަށެވެ.

"ތުރުކީން ބުނި ގިނަ ގައުމުތަކުން އެތެރެވެގެން ސީރިއާއަށް ދަތުރު ކުރާ ކަމަށް. އަދި ރާއްޖެއިން އެކަމުގައި އުޅޭ ލޯ އެންފޯސްމަންޓް ފަރާތްތަކަށް އެކަމުގައި އެހީތެރިވެދޭން މަރުހަބާ ކިޔާ ކަމަށް. އަދި ދިވެހިން އެތެރެވާ ކަމަށް ވަންޏާ ހިއްސާ ކުރާނެ ކަމަށް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ހަނގުރާމަ ކުރުމަށް ދިވެހިން ދާތީ އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ހަނގުރާމައަށްދާ ދިވެހިންގެ މައުލޫމާތު ލިބުމާއިއެކު ބައެއް މީހުން ދަތުރުގެ ވަކި ހިސާބަކުން ހުއްޓުވާ އެމީހުން އަނބުރާ ރާއްޖެ ގެނެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސީރިއާ ހަނގުރާމަކުރުމަށްދާ ގިނަ ދިވެހިން އެ ގައުމަށް އެތެރެވަނީ ތުރުކީއަށް ގޮސް ތުރުކީ މަގުން ކަމަށް މައުލޫމާތު ލިބެ އެވެ.

ދުންޔާ ވިދާޅުވީ އޯއައިސީ ސަމިޓުގައި ޓެރަރިޒަމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ފަހަކަށް އައިސް އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން އުޅޭ ޓެރަރިސްޓް އަދި ބޭރުގެ ހަނގުރާމަވެރިންގެ ގޮތުގައި ސިފަ ކުރެވިފައިވާ އެކި ގްރޫޕްތަކަށް ފައިސާ ލިބޭ ގޮތާއި އެފަދަ ގުރޫޕްތަކަށް ފައިސާ ދޭ ފަރާތްތައް ކުށްވެރިކޮށް ގައުމުތަކުން ވާހަކަ ދެއްކި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް