ސަރުކާރުގެ ހަރަދުގައި މި އަހަރު 142 މީހަކު ހައްޖަށް ފޮނުވާނަން: ރައީސް

ސަރުކާރުގެ ހަރަދުގައި މި އަހަރު 142 މީހަކު ހައްޖަށް ފޮނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. ކާނިވާ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ބޭއްވި މާހެފުމުގަ ވާހަ...

08 Jun 2015 | 04:30

ސަރުކާރުގެ ހަރަދުގައި މި އަހަރު 142 މީހަކު ހައްޖަށް ފޮނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ބޭއްވި މާހެފުމުގަ ވާހަކަފުޅުދައްކަވަމުން ރައީީސް ޔާމީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުން އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ ފަރުޟު ހައްޖުވުން ކަމަށެވެ. އެކަމަކު ބައެއް މީހުންނަކީ އެ ތަނަވަސްކަން ނެތް މީހުން ކަމަށް ގަބޫލުކުރެއްވޭތީ، އެ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު މިދާގޮތަށް އިގްތިސާދު ރަނގަޅަށް ދާނަމަ ކުރިޔަށް އޮތް އަހަރު ތަކުގައި މި އަދަދު އިތުރުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އާބާދީގެ ނިސްބަތުން ރާއްޖެ އަށް 1000 ހައްޖު ކޯޓާ ކަނޑައެޅުމުން ދޭހަކޮށްދެނީ ސައުދީ އަަރަބިއްޔާގެ ސަރުކާރުން ދިވެހިންނާ ދޭތެރޭ ގެންގުޅޭ ދީލަތި އުސޫލެވެ. އެ އަދަދު އަންނަ އަހަރުން ފެށިގެން 2،000 ކޯޓާ އަށް ބަދަލުކޮށްދޭން ނިންމީ ދެ ގައުމުގެ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުންކަން ވެެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ވެސް ހިއްސާކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ އަދި އެ ނޫން ވެސް ހިދުމަތެއް ހޯދުމަށް އުމުރުން ދުވަސްވީ މީހުން ކިއޫގައި ގިނައިރު މަޑުކުރަން ނުޖެހޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ. އެ ގޮތުން، މިހާރު ވެސް ބައެއް ހިދުމަތްތައް ކިއޫގައި ނުޖެހި ހޯދޭނެކަން ރައީސް ފާހަަގަކުރެއްވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި ރީތި އާދަކާދަތަކާއި އުފާވެރި ސަގާފަތަަށް ބަލާއިރު ފެންނަނީ، އުމުރުން ދުވަސްވީ މީހުންގެ ބުރަ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ސާގާފަތާއި އާދަކާދަތައް ދިވެހިންނާ ބީރަށްޓެހިވެ، މިސްރާބު ޖަހާފައި ހުރީ "ގާދޫކޮލުން ބޭރަށް" ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ވެރިކަމަށް ވަޑައިގެން ފުރަތަމަ އިސްކަންދެއްވީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިންގެ ދިވެހިވަންތަކަން ހޯދައިދިނުމަށެވެ.

ރޭގެ ހަފްލާގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ބައިވެރިވި އެވެ. އަދި ރައީސް ޔާމީން ވަނީ އެ މީހުންނާއި ބައްދަލު ކުރައްވާ ދިމާވެފައިވާ ދަތިތައް އޮޅުއްވިލުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް