މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ: މެޓް

މި އަހަރުގެ ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ. މެޓުން މިކަން ހާމަކޮށްފައިވަނީ މިއަދު އާންމުކުރި މޫސުމީ ޚަބަރެއްގައ...

08 May 2025 | 15:20

މި އަހަރުގެ ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.

މެޓުން މިކަން ހާމަކޮށްފައިވަނީ މިއަދު އާންމުކުރި މޫސުމީ ޚަބަރެއްގައެވެ.

މޫސުމީ އެ ޚަބަރުގައި ބުނެފައިވަނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް އިއްޔެ ފެށިފައިވާކަމަށެވެ.

މެޓުން ބުނެފައިވަނީ ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށް، ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރުމަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ.  އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެއަށް ފޯރައި، މޭމަސް ނިމުމގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށެވެ.

ހުޅަނގު މޫސުން ފެށުނުކަން ބަލާ މިންގަނޑު ހާމަކުރަމުން މެޓުން ބުނެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަލާއިރު ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހިއްޖެނަމަ އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހޭނަމަ އަދި މި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދާނަމަ އެއީ ހުޅަނގު މޫސުން ފެށުނީ ކަމުގައި ބަލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް