ދިރާގުން އެ ކުންފުންނީގެ މުވައްޒަފުންގެ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކޮށްފި

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ...

08 May 2025 | 10:37

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވާ ހާއްސަ ހަފްލާއެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭގައި ބޭއްވި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42  މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިންގ ލީޑަރސް އެވޯޑް ހިމެނެއެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ޗެއާޕަރސަންސް އެވޯޑް ލިބިފައިވަނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވަރކްސްގެ މުޙައްމަދު ޝަންމޫން ޝަފީގަށެވެ. ޝަންމޫންއަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވަރކްސް ޓީމްގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެކެވެ. މިގޮތުން، ޝަންމޫން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އައު ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގައި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގުރޭގް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރި، ސީ،މީ.ވީ6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއްވަނީ އަދާކޮށްފައެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް