ޓެކްސީތަކުގެ ޝަކުވާ ވަރަށް ބޮޑު، މިދަނީ ފިޔަވަޅު އަޅަމުން، ކޮމިޓީއެއްވެސް އެކުލަވާލައިފިން: ޓްރާންސްޕޯޓް މިނިސްޓްރީ

ޓެކްސީތަކުގެ ޝަކުވާ، ވަކިން ޚާއްޞަ ގޮތެއްގައި އެއާޕޯޓް ޓެކްސީ ކިއުގެ ޝަކުވާ ވަކިން ބޮޑު ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން ޓެކްސީތަކުގެ މައްސަލަތަކަށް ޚާއްޟަ ކޮމިޓީއެ...

08 May 2024 | 05:23

ޓެކްސީތަކުގެ ޝަކުވާ، ވަކިން ޚާއްޞަ ގޮތެއްގައި އެއާޕޯޓް ޓެކްސީ ކިއުގެ ޝަކުވާ ވަކިން ބޮޑު ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން ޓެކްސީތަކުގެ މައްސަލަތަކަށް ޚާއްޟަ ކޮމިޓީއެއްވެސް އެކުލަވާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ

އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ބޮޑުވެ، މިކަން ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްދިވްސް ޕޮލިސް ސަރވިސް އަދި އެމްއޭސީއެލްއިން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއު އިން ކުރިމަތިވާ މައްސަލަތާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރުކުރާކަމުގެ ގިނަ ޝަކުވާތައް މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ.

"މި މިނިސްޓްރީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއެކު މަސައްކަތްކޮށް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކުރެވިފައިވޭ އަދި ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް އާއްމުކޮށްފައިވޭ، މި ކިއުއާރްކޯޑު މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ޚިދުމަތްދެމުންދާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވޭ،  މި ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީގައި ޓެކްސީ ޝަކުވާބެލުމާ ގުޅޭ ކޮމިޓީއެއް ވަނީ އެކުލަވާލެވިފައި" މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންނަމަވެސް މިނިސްޓްރީއަށް މިހާތަނަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާއިރު ހުށަހަޅާފައިވާ ބައެއް ޝަކުވާތަކާ ގުޅިގެން މައްސަލަ ބެލުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނުނަމަވެސް ބައެއް މައްސަލަތަކުގެ މަޢުލޫމާތު ލިބިފައިނުވާކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތަކުގެތެރެއިން މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތު ނުލިބޭ މައްސަލަތައް ފިޔަވައި ބާކީހުރި ހުރިހާ ޝަކުވާތަކާ ގުޅިގެން މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

"އާއްމު ރައްޔިތުންގެ ޝަކުވާތައް އެއްދުވަހުން އަނެއްދުވަށް ގިނަވަމުންދިއުމުގެ ސަބަބުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ ހިމެނޭގޮތުން މި މުއްސަސާތަކުގެމެދުގައި 7 އޭޕްރީލް 2024 ވަނަ ދުވަހުގެ ވަގުތެއްގައި އަވަސް މަޝްވަރާތަކެއް ކުރެވި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވި އެދުވަހު ތަންފީޒުކުރަން ފަށާފައިވާނެ" މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ވަނީ ފިޔަވަޅު އަޅަން ފަށާފައިވާކަމަށާއި އަދި ގަވާއިދާ ޚިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް