އިއްޔެ ހަތް މަސް ފުރުނު އިސްރާއީލް – ހަމާސް ހަނގުރާމައިގާ އެންމެ ފަހުގެ އެއް އަދާހަމައަކަށް އިއްޔެއާއި ހަމައަށް އޮތީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާ، ގަތަރު އަދި މިސްރުން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އެއްބަސްވިނަމަވެސް އިސްރާއީލުން އެ ހުށަހެޅުމަށް އެއްބަސްވާން ދެކޮޅު ހެދި ހެދުމެވެ. އަދި ރަފްހަށް ވަދެނުގަންނަން ހުރިހާ ގައުމަކުންހެން ގޮވަމުންދިޔަ ގޮވުމަށް ބީރުކަންފަތެއްދީ ރަފްހު ތެރެއިން ވަދެގެން ގޮސް މިސްރާއި ޢައްޒާ ގުޅުވަދޭ ރަފްހް ބޯޑަރުގެ ކޮންޓްރޯލު އަތުލައި އެ ސަރަހައްދުގައި އިސްރާއީލުގެ ދިދަ ނެގި ނެގުމެވެ.
ސުލްހައިގެ މަޝްވަރާގެ މޭޒަށް އިސްރާއީލުގެ ވަފްދެއް މިސްރުގެ ވެރިރަށް ގާހިރާއަށް އިއްޔެ ދަތުރުކޮށްފައިވާއިރު ހަމާސް އިން ބުނަނީ މިހާރު ބޯޅަ އޮތީ ނަތަންޔާހޫގެ ކޯޓުގައި ކަމަށެވެ. ހަމާސް އިން އެ ހުށަހެޅުމަށް އެއްބަސްވި އެއްބަސްވުން ވެގެންގޮސްފައިވަނީ އިސްރާއީލަށް ބޮޑު ގޮންޖެހުމަކަށެވެ.
ހަނގުރާމަ މެދުކަނޑާލުމަށް ހުށަހަޅާފައިވާ އަދި އެ ހުށަހެޅުމަކަށް ހަމާސް އިން އެއްބަސްވެފައިވާ އެއްބަސްވުމަކީ އިސްރާއީލަށް އެންމެ ވާގިވެރިވާ އެމެރިކާއިންވެސް ރުހޭ އެއްބަސްވުމެއް ކަމުގައިވާއިރު ހަމާސް އިން އެ ހުށަހެޅުމަށް އެއްބަސްވުމުން މިވަގުތު ހަމާސް ކުށްވެރި ކުރެވޭނެ ޖާގަ އެމެރިކާއަށް އަދި ޔޫރަޕްގެ ބޮޑެތި ގައުމުތަކަށްވެސް ވަނީ ގެއްލިފައެވެ.
އެހެންނަމަވެސް އިސްރާއީލުން ބުނަނީ އެ އެއްބަސްވުމުން އިސްރާއީލަށް ލިބެންޖެހޭ ހައްގު މާ ކުޑަ ކަމަށެވެ.
ހުށަހެޅުމަށް ހަމާސް އިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައި އިސްރާއީލުން ރަފްހު ތެރެއަށް ވަދެގަތުމުން، ހަނގުރާމަ މެދުކަނޑާލުމުގެ ނިޔަތް އިސްރާއީލުގެ އޮތްކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ހަމާސް އިން އާނބަސް ބުނެފައިވާ އެ ހުށަހެޅުމުގައިވާގޮތުން ދެފަރާތުން އެ ހުށަހެޅުމަށް އެއްބަސްވާ ވަގުތުން ފެށިގެން ހަމަލާ ބަދަލުކުރުން މެދުކަނޑާލަން ޖެހެއެވެ. އަދި ކޮންމެ މަރުހަލާއެއްގައި 42 ދުވަސް ހިމެނޭ ތިން މަރުހަލާއެއް ކަޑައްތުކޮށް އިސްރާއީލުގެ ސިފައިން ޣައްޒާއިން ފައިބާ، ޢައްޒާ އާރާސްތުކުރުމުގެ ފުރުސަތު ދޭންޖެހެއެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 133 އަސީރުން މިނިވަންކުރާއިރު އެއިން ކޮންމެ އަސީރެއްގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 50 ގައިދީއަކު މިނިވަންކުރަން ޖެހެއެވެ.
ހަމާސް ބަލިކުރުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާލާއިރު ޣައްޒާއިން އެކަނި ޝަހީދުވެފައިވާ މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 34،789 އަށް އަރާފައެވެ. ޣައްޒާއިން އެކަނި ޒަޚަމްވި މީހުންގެ އަދަދު ވަނީ 78،204 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް