އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓްކުރުމާ ދުރުހެލިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފި އެވެ.
މީޑިއާ ކައުންސިލުން މިހެން ބުނެފައި ވަނީ ކުޑަކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނާ މައްސަލައެއް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކުރުމާއި ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެއްޖެއްގައި މިފަދަ މައްސަލަތައް ރިޕޯޓު ކުރުމާއި ދުރުހެލި ކުރުމުގެ ގޮތުން އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ފުލުހުން ވެސް ހާމަ ނުކުރަން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
އެމްއެމްސީން ބުނީ އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަތައް އިތުރުވާ ކަމަށް އެތައް ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާކަން އެމްއެމްސީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސްގައި ވެސް މިފަދަ ކަންކަން ޕްރޮމޯޓްނުވާ ގޮތަށް އަމަލުކުރަން އޮންނާތީ ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ހަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް