ގދ. ތިނަދޫގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފި

ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށްދެވޭ ފަރުވާއެއް ކަމަށްވާ ކީމޯ ތެރަޕީގެ ފަރުވާ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެސްއެޗް) ގައި ފަށައިފި އެވެ. އޭއެސްއެމްއެޗު ގަ...

08 May 2023 | 15:11

ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށްދެވޭ ފަރުވާއެއް ކަމަށްވާ ކީމޯ ތެރަޕީގެ ފަރުވާ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެސްއެޗް) ގައި ފަށައިފި އެވެ.

އޭއެސްއެމްއެޗު ގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނީ ކީމޯތެރަޕީގެ ހިދުމަތް ފެށިގެން ދިއުމަކީ ހުވަދު އަތޮޅުގައި މިފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މިގޮތުން އެ ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށީ 2 އެނދުގެ ވޯޑަކާއެކު ކަމަށާއި މިހާރު ކީމޯއަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

އަދި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ކީމޯ ތެރަޕީގެ ޚިދުމަތް އެ ސަރަހައްދުން ލިބެން ނެތުމުން މީގެ ކުރިން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދާން ޖެހެނީ މާލެ އަށެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށާފައި ވާއިރު މިދިޔަ ހަފުތާގައި އެ ހޮސްޕިޓަލުގައި ވަނީ ބަނޑުގައި ކުދި ލޯވަޅު ތަކެއް އަޅައިގެން ކުރާ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތް ވެސް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް