ޗާގޮސް ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމަނަން ވަކާލާތު ނުކޮށް އެ ތަން ދޫކޮށްލި މައްސަލައިގަ ދެކޮޅު ހަދަމުންދާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކޮށްފި އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުގެ ޓީމުން ބުނަމުން ދަނީ ޗާގޮސް މައްސަލައިގަ ނިންމި އިޓްލޮސް އިން ނިންމި ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ޓީމުން ދަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން އެ މައްސަލައިގަ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
ނަޝީދާއި އިދިކޮޅު ކޯލިޝަނުން ބައްދަލު ކުރެއްވިކަން ހާމަ ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައިި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން މިއަދު ނަޝީދާއި ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
ނަޝީދުގެ އިތުރުން ފިކުރެއްގެ ދިރުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އެވެ.
މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު ދެ ފަރާތުންވެސް ހާމައެއް ނުކުރެ އެވެ.
ޗާގޮސް ދޫކޮށްލި މައްސަލައިގަ އެމްޑީޕީއާ އެކު މިއަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ޕާޓީތައް ފިޔަވައި ހުރިހާ ޕާޓީތަކެއް ދެކޮޅެވެ. ދެކޮޅު ޕާޓީތަކުގެ ތެރޭގައި ޖޭޕީ، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޕީޕީއެމް/ ޕީއެންސީ ކޯލިޝަން، އެމްއާރުއެމް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނެ އެވެ.
މި މައްސަލައިގަ އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ކުރިޔަށް އެ ޕާޓީތަކުން ރާވާފައިވާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭގެ ފަހުންވެސް ސިޔާސީ އިސް ފަރާތްތަކުން ދަނީ ގިނަ ބައްދަލުވުންތަކެއް ވަކިވަކިން ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް