ފުވައްމުލަކު ސިޓީ “ޓައިގާ ޝާކް” ޕޮއިންޓު ކައިރިއަށް ޑައިވިނަށް ގޮސްއުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.
އޭނާ ގެއްލުނީ މިމަހުގެ ދެ ވަނަ ދުވަހު މެންދުރު ފަހު އެވެ. އޭނާ ހޯދަން މިދިޔަ ދުވަސްތަކުގައި ކަނޑާއި ވައިގެ މަގުން މަސައްކަތް ކޮށްފައިވެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލީ ހަތް ދުވަހުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިޔަށް ގެންދިއުމަށް ފަހު ކަމަށެވެ.
މި އޮޕަރޭޝަންގައި ވައިގެ މަގުން 2960 އަކަ މޭލު ބަލާފައިވެ އެވެ. ކަނޑުގެ މަގުން 760 އަކަ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފަވެ އެވެ.
މި އޮޕަރޭޝަންގެ ތެރެއިން މި މަހުގެ ތިން ވަނަ ދުވަހު ވަނީ ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިފައެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓުގާޑުން ބުނެފައިވެ އެވެ.
އޭގެ ފަހުން ހަތަރު ވަނަ ދުވަހު ކަނޑުގެ68 މީޓަރު އަޑިން ޑައިވް ގަޑިއެއް ފެނިފައިވެ އެވެ. އެކަމަކު ސައީދުގެ އެއްވެސް ހިލަމެއް ވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް