ދިވެހި ޤައުމަށްޓަކައި އިހްލާސްތެރިކަމާއެކު ތެދުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން އިސްވެ ހުންނަނަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހިތްވަރު ދެއްވައި ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރެވޭ މަސައްކަތަކީ ޤައުމަށްޓަކައި ކުރެވޭ ވަފާތެރި ހިދުމަތެއް ކަމަށެވެ.
މީގެ އިތުރުން އަހަރެމެންގެ މި ނުހަނު ލޯބިވާ ޤައުމަށްޓަކައި ކުރެވޭ މަސައްކަތްތައް އާކުރަން ޖެހޭކަމަށެވެ.
ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ވަރުގަދަ ކުރެއްވުމަށް ގޮވާލެއްވި އިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޤައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވެސް ވަނީ ކަނޑައަޅައިފައެވެ.
އަދި ޤައުމީ ސަލާމަތާ ބެހޭ މަޖިލިހުން އެގޮތަށް ކަނޑައަޅާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާއި ގުޅޭ ގަރާރެއް ނެރުއްވާފައެވެ.
އެހެންކަމުން، ފުލުހުން ވަނީ ގައުމުތަކާއި އެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުމަށް ބުރޫއަރާފަދަ ކަންތައްތަކަށް ހިތްވަރު ލިބޭ އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.
މިގޮތުން ސަރުކާރުން ވަނީ "އިންޑިއާ އައުޓް" ލިޔެ، ދަމާ ބެނާތައް ނަގައި، އެ ކެމްޕޭން ކުރިއަށް ގެންދަން ދެން ފުރުސަތު ނުދޭނެ ކަން ހާމަކޮށްފައެވެ.
ނަމަވެސް ޕީޕީއެމުން ވަނީ އެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ބުނެ، އިންޑިއާ އައުޓް ކެމްޕޭން މަނާކުރި ގަރާރު ބާތިލުކޮށްދޭން މިދިޔަ މަހު ކޯޓަށް ވެސް ހުށަހަޅައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް