ބ. ގޮއިދުއާއި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށް އަދި ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައ...

08 May 2022 | 06:22

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށް އަދި ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ގޮއިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން، ހިންނަވަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ކުރިއަށް ގެންދިއަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

މިގޮތުން އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވެއެވެ.

އަދި އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު  ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް