ތޯލިބާނުން އަބަދު އަންހެނުންގެ ކަންކަމައިގެން އުޅޭތީ ހައިރާންވޭ: އަފްގާން އަންހެން އެކްޓިވިސްޓުން

އަފްގާނިސްތާނުގެ ސަރުކާރުން އަބަދު އަންހެނުންގެ ކަންކަމައިގެން އުޅޭކަމަށް ބުނެ އެ ގައުމުގެ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ރުޅިގަދަވެއްޖެ އެވެ. މިދިޔަ އަހަރު އޮގަސްޓު މަހު ތޯލިބާ...

08 May 2022 | 05:08

އަފްގާނިސްތާނުގެ ސަރުކާރުން އަބަދު އަންހެނުންގެ ކަންކަމައިގެން އުޅޭކަމަށް ބުނެ އެ ގައުމުގެ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ރުޅިގަދަވެއްޖެ އެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައީންސުރެ އެ ގައުމުގައި އަށަގަންނުވާފައިވާ ހުޅަނގުގެ އާދަތައް ކަމަށް ބުނާ ގިނަ ކަންކަން ދަނީ ބަދަލު ކުރަމުންނެވެ. އޭގެ ތެރޭގެ އެންމެ ބޮޑު ބަދަލެއް ގެންނަމުން ދަނީ އަންހެނުންނަށް ދީފައިވާ މިނިވަން ކަމަށެވެ.

އެންމެ ފަހުން އިއްޔެ ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ އާންމު ތަންތަނުގައި އަންހެނުން މުޅި މޫނު ނިވާވާ ގޮތަށް ބުރުގާ އެޅުން މަޖުބޫރު ކޮށްފަ އެވެ. އަދި އެ ގަވައިދާ ހިލާފުވާ އަންހެނުންގެ ބައްޕަ އާއި އާއިލާގެ ފިރިހެނުންނަށް އަދަބުގެ ގޮތުގައި ޖަލަށް ލުމާއި ސަރުކާރުގެ ވަޒީފާއިން ވަކި ކުރުން ފަދަ ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ.

މިކަމާއި ގުޅިގެން އަފްގާންގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމަށްވާ މަހްބޫބާ ސިރާޖު ބުނީ ތޯލިބާނުންނަށް ގައުމު ހިންގަން، އަންހެނުންނަށް ފިޔަވަޅު އެޅުން ނޫން ކަމެއް ނުފެންނާތީ ހައިރާންވާ ކަމަށެވެ. އޭނާ ބުނީ އެ ގައުމުގައި އަންހެނުންނަށް ހާއްސަކޮށް ގާނޫނާއި ގަވައިދު ހެދުމަށްވުރެ މާ މުހިންމު އެތައް މިލިއަން ކަންކަން އެބަހުރި ކަމަށެވެ.

މަހްބޫބާ ބުނީ އަފްގާނުގައި ކޮންމެ ދުވަހަކު ދެމުންދާ ޖާނުންފިދާވުމުގެ ހަމަލާތައް ހުއްޓުވައި، އަންހެނުން ކުދިންނަށް ތައުލީމުދޭ ސްކޫލްތައް ހުޅުވުމަކީ އަންހެނުންގެ ހައްގުތައް ނިގުޅައިގެންނަން ގާނޫނާއި ގަވައިދު ހެދުމަށްވުރެ މުހިންމު ކަންކަން ކަމަށެވެ. އަދި ވަޒީފާ ގެއްލި މަސައްކަތެއް ނެތުމުން އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ އާއިލާތަކަށް ވަޒީފާ ހޯދައި ދިނުން މިވަގުތަށް މުހިންމު ކަމަށް އޭނާ ބުންޏެވެ.

ތޯލިބާނުން ވެރިކަމަށް އައިސް އެ ގައުމުގެ އަންހެނުންނަށް ހާއްސަ މިނިސްޓްރީ އުވާލައި ކެބިނެޓަށް އައްޔަން ކޮށްފައިވަނީ ހުސް ފިރިހެނުންނެވެ. ޔުނިވާސިޓީތަކުގައި އަންހެނުންނަށް ތައުލީމު ދޭއިރު ކްލާސް ރޫމުގައި ޕާޓްޝަން ޖަހައި ވަކި ކުރުމަށް އަންގާފައިވާއިރު ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތަކަށް އަންހެން ދަރިވަރުން ދިއުން ވަނީ މަނާކޮށްފަ އެވެ.

ކުޅިވަރުތަކުގައި އުފައްދާފައިވާ އަންހެން ގައުމީ ޓީމުތައް އުވާލާފައިވާއިރު މަހުރަމަކާއި ނުލައި އަންހެނުން މަގުމައްޗަށް ނުކުތުމާއި ދަތުރުފަތު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އިއްޔެ މޫނު ބުރުގާ ނާޅާއި އާންމު ތަންތަނުގައި އުޅުން މަނާ ކުރުމުގެ ކުރިން ވަނީ އާންމު ދަތުރުފަތުރަށް ޓެކްސީ ބޭނުން ކުރާއިރު މޫނު ބުރުގާ އެޅުން އަންހެނުންނަށް މަޖުބޫރު ކޮށްފަ އެވެ.

އަންހެނުންނެކޭ އެއްގޮތަށް ހުޅަނގުގެ ގޮތަށް ފިރިހެނުންގެ ތުނބުޅި ބޭލުމާއި ބޯކޮށައި ދިނުން ސެލޫންތަކަށް ތޯލިބާން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް