ރައީސް ނަޝީދުގެ ފަރުވާގެ ޓައިމްލައިން: ޑަކުޓަރުންގެ ދުލުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިލެއްވި ޒަހަމްތަކަށް ފަރުވާދިނުމާއި ކުރި އޮޕަރޭޝަންތަކުގެ ޓައިމްލައިން އޭޑީކޭގެ ޑަކުޓަރުން މިއަދު ބުނެދެއްވައިފިއެވެ. އޭޑީކޭގެ ޗ...

08 May 2021 | 10:50

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިލެއްވި ޒަހަމްތަކަށް ފަރުވާދިނުމާއި ކުރި އޮޕަރޭޝަންތަކުގެ ޓައިމްލައިން އޭޑީކޭގެ ޑަކުޓަރުން މިއަދު ބުނެދެއްވައިފިއެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ، ޑރ. އަބްދުﷲ ނިޔާފް އާއި އޭނާގެ ޓީމުން މި ވާހަކަތައް ފެއްޓެވީ ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވުނު ހިސާބުންނެވެ.

"ރައީސް ނަޝީދު އަނިޔާތަކަކާއެއްކޮށް ގެނެވުނީ 830 ހާއިރު، އެއީ ހޮސްޕިޓަލު ތެރޭގަ ތިބި ވަގުތަކާ ދިމާވީ، އެމަޖެންސީ އަށް ގެނައުމާއެކީ ހަރަކާތްތރިވާން ފެށުނު، ތިން ޑަކުޓަރުން ފުރަތަމަ ހިމެނޭ" ޑރ. ނިޔާފް، ޑރ. ދުޝޫމާ އަދި ޑރ. ނިޝާންގެ ވާހަކައިން ކަން ހިނގާ ދިޔަގޮތް ފެށިގެން ދިޔައެވެ.

ގެނެވުނު އިރުގެ ހާލަތާ ފުރަތަމަ ނިންމި ކަންތައްތަކުގެ ވާހަކަ ~ ޑރ. ދުޝޫމާ

"ރައީސް ނަޝީދު އީއާރަށް ގެންނެވި ވަގުތު އީއާރުގަ، އެންމެ ފުރަތަމަ އެޓެންޑް ކުރިއިރު، ސުވާލުކޮށް ބަލާލީ ކޮންޝަސް ލެވެލް ކިހިނެއްތޯ، ރަނގަޅަށް ޖަވާބު ދެއްވި، އެކަމަކުވެސް ޑިސްޓްރެސްގަ ހުންނެވީމަ ޑިސައިޑްކުރީ ޕްރައިމަރީ ސާވޭއެއް ހެދީ ވަރަށް ގިނަ ތަންތަނުން ބްލީޑްވާތީ، އޮޕަރޭޝަން ތިއޭޓަރަށް" ޑރ. ދުޝޫމާ ބުނެދެއްވިއެވެ.

ޑރ. ދުޝޫމާ ވިދާޅުވީ ފުރަތަމަ އެއާވޭސް ސެކިއު އިންކިއުބޭޓް ކުރީ ކަމަށާއި ތިއޭޓަރ އަށް މޫވް ކޮށްލެވި 10 ވަރަކަށް މިނެޓު ތެރޭގަ އިމަޖެންސީ ޓީމު މޮބިލައިޒް ކޮށްލެވުނު ކަމުގައި ވިދާޅުވިއެވެ.

އެހިސާބުން ދެން އައީ އޮޕަރޭޝަން ޑރ. ނިޝާންގެ ވާހަކަފުލެވެ. އޭނާ ވިދާޅުވީ ވަރަށް ބޮޑަށް ލޭ އަންނަމުންދިޔަ ކަމަށާއި އޭރު ބެންޑޭޖް އަޅާ ވަގުތީ ގޮތުން ލޭ މަނާކުރުމުގެ ކަންކަން ހިނގަމުންދިޔަ ކަމަށެވެ.

ޑަކުޓަރުންގެ ޓީމުން ވިދާޅުވިގޮތުގައި އެތެރޭގަ ހުރި ރޭޒާ ފުއްތައް ފެނުނީ ސީޓީ ސްކޭނުންނެވެ. އަދި ފުރަތަމަ އޮޕަރޭޝަން ކުރެވުނީ ފުއްޕާ މޭ ތެރޭގަ އިން ރޭޒަރ ފުއް ނެގުމަށް ކަމަށާއި އެއީ ފުރާނައަށް ނުރައްކާވެދާނެތީ ކަމުގައި ވިދާޅުވިއެވެ.

ޑަކުޓަރުން ވިދާޅުވީ އެ ރޭޒާ ފުއް، ވާތް ފަރާތުން އަރިކަށިން ވަދެ ފުއްޕާ މޭ ފޫ އަޅުވާލާފައިވާކަމަށެވެ.

"ހަތަރުވަނަ ރިބްގަ ޖެހިފަ ފުނޑިފަ އިނީ، އެއް ސެންޓިމީޓަރު ތިރިއަށް ޖެހުނު ނަމަވެސް ހިތަށް، ފުނޑިގެން ގޮސް ކުނޑިތައް ލަންގަށްވެސް ހުރި" ޑަކުޓަރުންގެ ޓީމުން ވިދާޅުވިއެވެ.

އެއަށްފަހު ބަނޑުގެ މަސްގަނޑު ފޫއަޅުވާލާފައި ހުރި އިރު ބަނޑުގެ ތެރެއިން ތިން ރޭޒާފުއް ނެގުނު ކަމަށް ބުނެފައިވެއެވެ. ބަނޑުގެ ތެރޭގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި ފަލަ ގޮހޮރުގެ ދެތަނަކުން ފޫ އަޅުވާލާފައި ހުރިކަންވެސް ޑަކުޓަރުން ފާހަގަކުރެއްވިއެވެ.

"ފަލަ ގޮހޮރުގަ ލޯވަޅު ހުރި ދެތަނަކުން ، އެއްކޮޅުން ވަދެގެން އަނެއްކޮޅަށް،  ސްޓަމަކް ފޫ އަޅާފަ، އެއް ފަރާތުން ވަދެ އަނެއް ފަރާތުން ނިކުމެ ހުރީ" ޑަކުޓަރުން ވިދާޅުވިއެވެ.

ދެން ދިމާވީ އެންމެ ބޮޑު ގޮންޖެހުމާކަމަށް ޑަކުޓަރުން ހާމަކުރިއެވެ. އެއީ ފުއްޕާމޭގެ ތެރޭގައި ވޭލްއެއްގެ ތެރޭގައި ފްލޯޓްވަމުންދިޔަ ރޭޒާ ފުކެއް ނަގަން ޖެހި ކުރެވުނު އޮޕަރޭޝަން ކަމުގައި ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ. އަދި އެ ސާޖަރީއަށް ތައްޔާރުވަމުންދިޔަ ވަގުތު އިތުރު ތިން ޑަކުޓަރަކު ވަރަށް އަވަސް ހަރަކާއެކު އަތާއި ފައިން ހަތަރު ރޭޒާފުއް ނެގި ކަމަށްވެސް ޑަކުޓަރުންގެ ޓީމުން ވިދާޅުވިއެވެ.

މީގެ އިތުރުން ބޮލުންވެސް ރޭޒާފުކެއް ނަގަން ޖެހުނު ކަމަށާއި ނަމަވެސް ސިކުނޑިއަށް ގެއްލުމެއް ނުލިބޭކަންވެސް ޑަކުޓަރުން ފާހަގަކުރެއްވިއެވެ.

ޑަކުޓަރުންގެ ޓީމުން އިތުރަށް ވިދާޅުވީ ރިކަވަރީގައި ވެންޓިލޭޓަރަށްވެސް ލާން ޖެހުނު ކަމަށާއި ނަމަވެސް މިހާރު ހާލަތު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އެހާ ގިނަ ސާޖަރީތައް ހަދާފައިވުމުން އިންފެކްޝަން އުފެދުމުގެ ބިރު އޮތީތީ ދެން އޮތީވެސް ދިގު ދަތުރެއްކަން ޑަކުޓަރުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް