ޖަޒުބާތުގައި ވިދާޅުވި އެއްޗަކުން ޒަކަރިއްޔާ މަންސޫރު ހޫނުފެނަށް !

ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތ...

08 May 2021 | 06:48

ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދައުލަތުގެ އެއް ބާރުގެ އެންމެ އިސްވެރިޔާއަށް އެހާ ފަސޭހައި ހަމަލާ ދެވޭއިރު އަހަރެމެން އާންމު ރައްޔިތު މީހާއަށް އޮންނާނީ ކޮން ސަލާމަތެއް ހެއްޔެވެ؟

މި ބިރުވެރިކަމާ ނާމާންކަމުން ކިރިޔާވެސް އުންމީދެއް ދެވެން އޮންނާނީ ގައުމާ ރައްޔިތުންގެ ސަލާމާތާ ރައްކާތެރިކަމާ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ދައުލަތުގެ ޓެކްސް ފައިސާއިން ހަރަދުކޮށް ހިންގަމުން އަންނަ މުއަސައްސަސާތަކެވެ.

ސަލާމަތާ ރައްކާތެރިކަމާ ގުޅޭ އެންމެ އިސް ދެ މުއައްސަސާއަކީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ކަމުގައިވާއިރު ރައްޔިތުން  މިކަމުގައި ބަރޯސާ ވާން އޮތީ މި ދެ މުއައްސަސާގެ މައްޗަށެވެ.

ރައީސް ނަޝީދަށް ދެވުނު މި ހަމަލާއާއި ގުޅިގެން ކުޑަ ނަމަވެސް "ހިންޓެއް" ދެ މުއައްސަސާގެވެސް އިންޓެލިޖެންސަށް ލިބިފައިނެތުންވީ ރައްޔިތުންގެ އިންތިހާ ކަންބޮޑުވުމަކަށެވެ. ރައްޔިތުންގެ ކަންބޮޑުވުން އިސް ފަރާތްތަކަކާއި ހަމައަށް ގެންދަން ތިބި ބަޔަކީ އަހަރެމެން ނޫސްވެރިން ކަމުގައިވާއިރު، ރޭގައި އެމްއެންޑީއެފްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އެ ދެއްވި ޖަވާބަކުން ރައްޔިތުން މިތިބީ ހަމަ އާޝޯހް ވެފައެވެ.

https://twitter.com/NzRv/status/1390915365492850690

ނޫސްވެރިޔާގެ ޖަވާބަށް ވަރަށް ދިގުކޮށް ވާހަކަ ދައްކަވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މިއީ ބްލޭމް ގޭމް ކުޅެންވީ ވަގުތު ނޫން ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް އެއާ ވިއްދާ ދެން އެއޮއް ބުނި ވާހަކައަކުން ޒަކަރިއްޔާ މަންސޫރު މިވަނީ ހޫނުފެނަށް ވެއްޓިފައެވެ. މާ ބޮޑަށް ޖަޒުބާތުގައި ޖެހުނީ ކަމަށް ވެދާނެއެވެ. ނޫނީ "ކްރިޓިޝިޒަމް" އޭ މިކިޔާ ބައި ނުވަތަ ފާޑުކިޔުން ނޫން ނަމަ ކުށް ގަބޫލު ކުރުމުގެ ގާބިލުކަން، ހަޖަމު ކުރުމުގެ ކެތްތެރިކަމާ ހިކުމަތްތެރިކަން ނެތީ ކަމަށް ވެދާނެއެވެ.

https://twitter.com/ShunanaMariyam/status/1390870551661465601

"އަޅުގަނޑު ހިތަށް އަރާ ހަމަ މިފަދަ ޑިވައިސްއެއް ހަދާ ތަނެއްގަ ބައިންދާ މި ހުރިހާ ކަމެއް ކުރި އިރު އާންމު ރައްޔިތަކަށް ހަމަ ހިލަމެއް ނުވަތަ ހުވަމެއްވެސް ނުވޭބާއޭ؟" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

https://twitter.com/ahmedimadd/status/1390746673920368641

ޒަކަރިއްޔާ މަންސޫރުގެ މި ވާހަކައާއެކު ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.

އެއް ބަޔަކު ބުނަނީ ބްލޭމް ގޭމް ކަމަށް ވިދާޅުވެ ޒަކަރިއްޔާ މަންސޫރުވެސް އެ ކުޅުއްވީ ބްލޭމް ގޭމް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އިންޓެލިޖެންސް ފެއިލް ވުމުން އެކަން ހަޖަމް ނުވަނީ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށް ބޮޑެތި މުއައްސަސާތައް އުފައްދާ، ވަރުވަރުން ވެރިން ލައްވައި، އާލާތްތަކާއި ވަސީލަތްތައް ހޯދާފައި ހުންނަނީ އެފަދަ ކަންކަން ރައްޔިތުން ކުރަން ނޫން ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންގެ ބޭސިކް ޒިންމާ ކަމަށެވެ.

https://twitter.com/Mohamed07421518/status/1390913287525593088

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް