އިސްރާއީލުން އަލް ޤުދުސް ސަރަޙައްދުގައި ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން އ.ދގެ އިންޒާރެއް

އިސްރާއިލުގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގެ ދައުވާތަކެއް އުފުލިދާނެ ކަމުގެ އިންޒާރާއިއެކު، އުތުރު ޤުދުސްގެ ވަޒަންވެރީންގެ އަތުން ބިންތައް ފޭރުން ހުއްޓާލުމަށް އަދ.އިން ގޮވާލައިފިއެވެ. ...

08 May 2021 | 03:10

އިސްރާއިލުގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގެ ދައުވާތަކެއް އުފުލިދާނެ ކަމުގެ އިންޒާރާއިއެކު، އުތުރު ޤުދުސްގެ ވަޒަންވެރީންގެ އަތުން ބިންތައް ފޭރުން ހުއްޓާލުމަށް އަދ.އިން ގޮވާލައިފިއެވެ.

އ.ދ ގެ މައި މަރުކަޒުގެ ތަރުޖަމާނު ރުޕާރޓު ކޮލްވިލް ދެއްވި ޚާއްސަ އިންޓަރވިއު އެއްގައި، މިހާރުން މިހާރަށް ގަދަ ކަމުން ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރު ކުރުމާއި، ޤުދުސްގެ ވަޒަންވެރީންގެ ބިންތައް ފޭރުން ހުއްޓާލުމަށް އިސްރާއީލަށް ވަނީ ގޮވާލައްވާފައެވެ. އަދި އުތުރު ޤުދުސްއަކީ ފަލަސްޠީނަށް ނިޞްބަތްވާ ސަރަޙަދެއްކަމާއިއެކު، މި މައްސަލައިގައި ބައިނަލްއަޤްވާމީ ހިއުމެނިޓޭރިއަން ޤާނޫންގެ އިޙްތިޞާސް އޮންނާނެކަންވެސް ރުޕާޓުވަނީ ފާހަގަ ކުރައްވާފައެވެ.މި މޭރުމުން މައުލޫމާތު ދެއްވާ ރުޕާރޓު ވިދާޅުވީ ބިމުގެ އަހުލުވެރިންގެ އަތުން އެ ބައެއްގެ ޒާތީ މިލްކިއްޔާތު ބިމަށް ގަދަ ކަމުން އަރައިގަންނަ ބަޔަކަށް ފޭރި ނުގަނެވޭނެ ކަމަށާއި، އާންމު ރައްޔިތުން ގަދަ ބާރުން އިސްރޭލުގެ އަތްދަށުގައިވާ ބިންތަކަށް ބަދަލު ކުރުމަކީ އިންޓަރނޭޝަނަލް ލޯވ ގެ ދަށުންވެސް މަނާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ކުށަށް އިސްރާއީލަށް އެރެވުން ވަރަށް ގާތް ކަމަށެވެ.

އިސްރާއިލްގެ ސިފައިން މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދުގައި ދެމުން ގެންދާ ހަމަލާ ތަކުގައި ފަލަސްޠީނުގެ 170 މީހަކަށް އަނިޔާވެ 88 މީހަކު މިހާރުވަނީ ހަސްފަތާލު ކޮށްފައެވެ.އިސްރާއިލުގެ ސިފައިންނާ ފަލަސްޠީނުގެ އާންމުނާއި މެދު ރޭން ފެށިގެން ދަނީ ހަމަނުޖެހުންތައް ކުރިއަށް ދަމުންނެވެ.

ރަމަޟާންމަހުގެ ފަހު ހުކުރަށް ދިހަހާހަށްވުރެ ގިނަ މުސްލިމުން މަސްޖިދުލް ޤުދުސްއަށް ހުކުރު ނަމާދަށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ނަމާދަށްފަހު، ޔަހޫދީ ވަޒަންވެރިން ނުހައްގުން ފޭރިގެންފައިވާ ފަލަސްޠީންގެ ބިންތަކުގެ މައްސަލައިގައި އިޖްތިހާދު ކުރުމަށް އެ ސަރަޙައްދުގައިވަނީ މަޑުކޮށްފައެވެ. ވެއެތުވެ ދިޔަ ހަފްތާގައި ޝެއިޚް ޖައްރާ ސަރަޙައްދުގެ ރައްވެހިންގެ އިިތުރުން، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަލަސްޠީނާއި ބައިނަލްއަޤްވާމީ ޙަރަކާތްތެރިން އަންނަނީ ގަދަ ކަމުން ބިން ފޭރިގަނެފައިވާ ފަލަސްޠީނުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ،

އިސްރާއީލުގެ ބޯޑަރ ބަލަހައްޓާ ފުލުހުންނާއި އަސްކަރިއްޔާއިން ވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ޝޮކް ގްރެނޭޑުފަދަ ގޮވާ ތަކެއްޗާއި، ރަބަރު ވަޒަނާއި ޓިއަރ ގޭހުގެ އިތުރުން ސްކަންކް ވޯޓާރ ބޭނުންކޮށްގެން، އެއްވެސް ހަތިޔާރެއް ނެތް އާންމުނަށް ހަމަލާތައް ދީފައެވެ.އަދި މި ހަމަލާތަކާއި އެކު، އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

އިސްރާއީލުގެ ހައްދު ފަހަނާ އަޅާފައިވާ ސިފައިން ފަލަސްޠީންގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަ ކޮށްފައި މިވަނީ  ޤުދުސްގެ މައްސަލައާއި ގުޅިގެން ދެ ޤައުމުގެ ދެމެދުގައި މަސްރަޙު ހޫނުވާން ފަށައިވާތާ ހަފްތާއެއް ދުވަސް ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް