ޔޫކޭ ރެޑްލިސްޓަށް ރާއްޖެ: މި ހާލަތުގައި ދިވެހިންނަށް އިނގިރޭސިވިލާތަށް ނުދެވޭނެ

އިނގިރޭސިވިލާތުގެ ރެޑްލިސްޓަށް ރާއްޖެ ލާން ނިންމާފައިވާއިރު މިކަމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޮވި...

08 May 2021 | 02:41

އިނގިރޭސިވިލާތުގެ ރެޑްލިސްޓަށް ރާއްޖެ ލާން ނިންމާފައިވާއިރު މިކަމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން އިގިރޭސިވިލާތުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުން "ރެޑް-ލިސްޓް" ކުރާ ގައުމުތަކުން އެ ގައުމަށް އެތެރެވުން އަންނަނީ މަނާކުރަމުން ކަމަށެވެ.

"އެގޮތުން އިނގިރޭސިވިލާތަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓްގައި 12 މެއި 2021 ވާ ބުދަ ދުވަހުގެ ފަތިހު 04:00އިން ފެށިގެން ރާއްޖެ ހިމެނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ." ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ނިންމުމުގެ ސަބަބުން، އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތައް އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާނަމަ ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ.

"އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ އެ ގައުމށް އެތެރެވުމަށްފަހު އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓިނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި ކަރަންޓީނުގެ ދެވަނަ ދުވަހާއި އަށްވަނަދުވަހު ކޮވިޑު ޓެސްޓް ހަދަންޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ އަންގާފައެވެ." ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވީމާ އިނގިރޭސިވިލާތަށް ދަތުކުރައްވަން ގަސްތުކުރައްވާ ދިވެހިން މިކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވާކަމަށެވެ. އަދި ފިޔަވަޅުތައް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ.

ރާއްޖެއާއެކު ތުރުކީއާއި ނޭޕާލުވެސް ރެޑް-ލިސްޓަށް ލުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ތިން ގައުމުވެސް ރެޑްލިސްޓަށް ލަނީ ކޮވިޑުގެ ހާލަތު މި ތިން ގައުމުގައި ގޯސްވެފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް