ތަފާތު ދައްކާނެ ކަމުގެ ޔަގީންކަމާއި އެކު ނަހުލާ ޑެޕިއުޓީ މޭޔަރު ކަމުގެ ރޭހަށް

މާލޭ ސިޓީ ކައުންސިލުގެ 5 އަހަރުގެ ދައުރުގައި ރައްޔިތުންނަށް ތަފާތު ދައްކައިދޭނެ އެދެވޭ ޚިދުމަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި އެކު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވާނެ...

07 May 2021 | 19:04

މާލޭ ސިޓީ ކައުންސިލުގެ 5 އަހަރުގެ ދައުރުގައި ރައްޔިތުންނަށް ތަފާތު ދައްކައިދޭނެ އެދެވޭ ޚިދުމަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި އެކު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވާނެ ކަން ވިލިމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު ނަހުލާ އަލީ އިއުލާންކޮށްފިއެވެ.

ހުޅުވާލެވިފައިވާ ސިޓީއެއް މިއަދު ނަހުލާ އެކަމަނާގެ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާއިރު އެކަމަނާ ވަނީ ޑެޕިއުޓީ މޭޔަރަކަށް އަންހެން ބޭފުޅަކު އައްޔަނު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ނަހުލާގެ މެސެޖްގައި ބުނެފައިވަނީ ޙަޤީޤީ ޑިމޮކްރަސީގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް ސިޔާސީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް މަސައްކަތުގެ މާޙައުލުގައި ހަމަހަމަ ބަޔަކަށް ހެދުން ކަމަށެވެ. އަދި ބުނެފައިވަނީ ލާމަޒުކަރީ ޤާނޫނުގެ ދަށުން އިންތިޚާބު ކުރެވޭ ކައުންސިލްތަކުގައި އަންހެނުންގެ ދައުރުވެސް އޮންނަ ގޮތުގެމަތިން ވަކި ޢަދަދެއްގެ ގޮނޑިތަކެއް އަންހެނުންނަށް ޚާއްޞަ ކުރެވިގެން ރާއްޖޭގެ ޙަޔާތުގައި ފުރަތަމަ ފަހަރު ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާލޭ ސިޓީ އަށް (މޭޔަރާއިއެކު) ކަނޑައެޅިފައިވާ 19 ގޮނޑީގެ ތެރެއިން، 18 ގޮނޑިއަށް  08 އަންހެނުން އިންތިޚާބް ވެގެންދިޔަކަމީ އަންހެނުން ބާރުވެރި ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ހުއްޓުމެއްނެތި ކުރައްވަމުން އަންނަ މަސައްކަތް ރާއްޖޭގެ ރައްޔިތުން އުފަލާއިއެކު ބަލައިގެންފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

18 ކައުންސިލަރުންގެ ތެރެއިން 8 ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށްވީހިނދު، ދެ ޖިންސަށް ހަމަ ހަމަ ފުރުޞަތާއި ބާރުވެރިކަން ލިބޭނެ ގޮތަށް މާލެ ސިޓީ ކައުންސިލްގެ އެންމެ އިސް ދެ މަޤާމުގައި ފިރިހެނަކާއި އަންހެނަކު ތިބޭގޮތުގެ މަތިން ޑެޕިއުޓީ މޭޔަރުކަމަށް އަންހެނަކު ޢައްޔަން ކުރުމަކީ، ހަޤީގީ ޑިމޮކްރަސީ އަށް ލޯބި ކުރައްވާ ފަރާތްތަކުން ބޭނުންފުޅު ވާނެ ގޮތް ކަމުގައި ނަހުލާ ގަބޫލުފުޅު ކުރައްވާ ކަމަށް މެސެޖްގައި ވަނީ ބުނެފައެވެ.

ނިމިދިޔަ ކައުންސިލްގެ މާލޭސިޓީގެ މޭޔަރުގެ މަޤާމުގައާއި، ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ދެޖިންސުގެ ދެބޭފުޅުން ތިއްބެވި ފަދައިން، ކުރިއަށް އޮތް 5 އަހަރުގެ ދައުރުގައި ވެސް ކައުންސިލްގެ ލީޑާރޝިޕްގައި ޖިންސީ ހަމަހަމަކަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ނަހުލާ ފާހަގަ ކުރެއްވި އެވެ.

ނަހުލާގެ މެސެޖްގައި ބުނެފައިވަނީ  މޭޔަރާއެކު އިންތިޚާބު ވެފައިވާ 19 ކައުންސިލަރުންގެ ތެރެއިން އޭނާއަކީ ޢިލްމީ ގޮތުން ޤާބިލް އަދި ބިނާކުރަނިވި ޢިލްމީ މަސައްކަތްތަކެއް ކުރެވޭނެ މީހެއް ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ފިކުރު ތަފާތު ކުރުމެއްނެތި މާލެސިޓީގެ އެންމެހާ ރައްޔިތުންގެ (މާލޭ ދަފްތަރުގައި ތިއްބެވި ފަރާތްތައްވެސް ހިމެނޭ ގޮތަށް) މަސްލަހަތު އިސްކުރައްވާނެ ގާބިލް ބޭފުޅެއް ކަމަށެވެ.

ނަހުލާގެ ސިޓީ ނިންމަވާލަމުން ބުނެފައިވަނީ އޭނާ އެ މަގާމަށް ކުރިމަތިލީ ޕީޕީއެމެގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޕީ.ޕީ.އެމް ގެ ޓިކެޓްގައި މާލޭސިޓީ ކައުންސިލަށް އިންތިޚާބުވެފައިވާ އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އަދި އެހެން ޕާޓީތަކުން އިންތިޚާބުވެފައިވާ މެންބަރުންގެ ތާޢީދުގެ އިތުރުން  އަންހެނުން ބާރުވެރި ކުރުވުމަށް ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކެއްގެ ތާއީދު ވެސް އޭނާ އަށް މި ފުރުސަތުގައި މުހިންމުވާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް އިން ނަގާފައިވާއިރު މިހާތަނަށް ޑެޕިއުޓީ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަން އިއުލާންކޮށްފައި މިވަނީ ނަހުލާ އެކަންޏެވެ. ކައުންސިލަރުން ހުވާ ކުރުން އޮންނާނީ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް