ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނީ ވަގުތީ ނަތީޖާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިއުލާނު ކުރަން ފަށާނެ ކަމަށެވެ. އެކަމަކު މިއަދު އެއްވެސް މައުލޫމާތެއް އާންމު ނުކޮށް އަދި ލަސްވާ ސަބަބެއްވެސް ހާމަ ނުކޮށް އޮތުމަށް ފަހު މިރޭ ވަނީ މާދަމާ އިއުލާނު ކުރަންފަށާނެ ކަމަށް ބުނެފައިވެ އެވެ.
އީސީން ބުނީ މާދަމާ 11 ޖަހާއިރު އިންތިހާބާ ބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން) ގައި ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން އޮންނާނެ ކަމަށެވެ. އަދި މިހާރުވެސް އެ ކޮމިޝަނަށް ވަގުތީ ނަތީޖާތައް ލިބެމުންދާ ވަރަކަށް ކޮމިޝަނުގެ ވެބްސައިޓަށް އަޕްޑޭޓް ކުރަމުންދާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކޮންމެ ފޮށްޓެއްގެ ވަގުތީ ނަތީޖާ އެ ފޮށްޓެއްގެ ކައިރީ ވާނީ އިއުލާނު ކޮށްފައި ކަމަށާއި މާދަމާ އެ ކޮމިޝަނުން އިއުލާނު ކުރާނީ ކޮންމެ ދާއިރާއެއްގެ ޖުމްލަ ވަގުތީ ނަތީޖާ ކަމަށެވެ.
އިންތިހާބާ ބެހޭ ގާނޫނުގައި ބުނާގޮތުގައި އިންތިހާބު ބާއްވާތާ ތިން ދުވަސް ތެރޭގައި ވަގުތީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ އެވެ.
މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް