ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ހިދުމަތް ދޭން ފަށައިފި

ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. އާސަންދަ އޮފީހުން ވަނީ އިއްޔެ އިން ފެށިގެން އަމިއްލަ ތަންތަނުން އާސަންދ...

08 May 2017 | 05:05

ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އާސަންދަ އޮފީހުން ވަނީ އިއްޔެ އިން ފެށިގެން އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް ބުނެފައި އެވެ. އަދި ދެން އާސަންދައިގެ ހިދުމަތް ލިބޭނީ ހަމައެކަނި ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ކަމުގައި ހަމަޖައްސާފައި އެވެ.

ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ މާލީ އިދާރާތަކުގެ ލަފާ އާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތް ވާގޮތުގެ މަތިން ސިއްހީ ދާއިރާގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އާސަންދަ ކުންފުންނަށް ސަރުކާރުން ލަފާދީފައިވާނެ ކަމަށެވެ. ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އާސަންދަ ކުންފުނިން ނިންމާފައިވަނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުން ހިދުމަތް ހޯދާ އިންޕޭޝަންޓްސް، އައުޓް ޕޭޝަންޓްސް އަދި ލެބޯރަޓަރީ އިމްވެސްޓިގޭޝަންގެ އިތުރުން ސްކޭން ކުރުމުގެ ހިދުމަތް އާސަންދައިން އުނި ކުރާށެވެ.

ރައިސް އޮފީހުން ބުނީ އެގޮތަށް ނިންމީވެސް ސަރުކާރުން ލަފާދީގެން ނޫން ކަމަށާއި، އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަން އާސަންދައިން އެކަހެރި ކުރުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ވަކި ތާރީހެއްގެ ކުރިން ނުވަތަ ތާރީހެއް ކަނޑައަޅައި އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލީވެސް ސަރުކާރުން ލަފާދީގެން ނޫންކަމަށެވެ.

އެ އޮފީހުން ބުނީ އެހެން ގޮތް ގޮތުން ހަރަދު ކުޑަކޮށް ހުރި މައްސަލަތައް ހައްލު ކުރުމަށް މިހާރު އާސަންދަ އޮފީހަށް އަންގާފައިވާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އާސަންދަ އޮފީހުން ވަނީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ދަށުން ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ބިލުތައް މިމަހުގެ ނިޔަލަށް ހުށަހެޅުމަށް މުއްދަތެއް= ދީފައެވެ. އެ މުއްދަތު ބިލް ހުށަނާޅާ ފަރާތްތަކަށް ފައިސާ ދޫނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ފަހު އަލުން އެ ނިންމުން ބަދަލު މި ކުރީ ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންދަނިކޮށެވެ. އަދި އެގޮތަށް ނިންމީ ކައުންސިލް އިންތިހާބުގައި ސަރުކާރުން ބޭނުންވި ވަރުގެ ކާމިޔާބެއް ނުލިބުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް