ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ މަރާމާތަށް ޕާކިސްތާނު ސަރުކާރުން ދެ މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ އިމާރާތުގެ މަރާމާތަށް ދެ މިލިއަން ޑޮލަރު ދިނުމަށް ޕާކިސްތާންގެ ސަރުކާރުން ދިވެހި ސަރުކާރުން އެދިގެން ކަމަށެވެ.
މަސީހު ވިދާޅުވީ އެ އެހީ ހަމަޖެހިގެން ދިޔައީ ރައީސް ޔާމީންގެ މަސައްކަތްޕުޅުން ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މަރާމާތުގެ ވާހަކަ ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަރިހުގައި ރައީސް ޔާމީން ދެންނެވީ މިދިޔަ ސާކް ސަމިޓުގެ ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ، ނަވާޒް ޝަރީފް ސިފަކުރެއްވި ގޮތުގައި، ދެ ގައުމުގެ ގުޅުމުގެ "ދިރި ހުރި ރަމްޒެއް" ކަމަށް މުންދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގެ އިމާރާތަކީ ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގައި މީގެ 17 އަހަރު ކުރިން އަޅައިދިން އިމާރާތެކެވެ. އެ އިމާރާތް ހުޅުވައި ދެއްވީ ޕާކިސްތާންގެ އޭރުގެ ވެސް ބޮޑުވަޒީރު އަދި މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ނަވާޒް ޝަރީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް