1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޝާން މަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް) ގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން ކޮންމެ ޢާއިލާއަކަށް 2،220 ރ (ދެހާސް ދުއިސައްތަ ވިހި) ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
"ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން" ކަރެކްޝަންސް އިން ބުނެފައިވެއެވެ.
އެ މުއައްސަސާއިން އިތުރަށް ބުނެފައިވާގޮތުގައި ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަންސް އިން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހެޅީ ޖުމްލަ 21 ފަރާތުންނެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައިވަނީ ޖުމްލަ 10 ޢާއިލާ ކަމަށާއި ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭމިންވަރު ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް